މިގޮތުން، މަޖިލީހުގެ މެމްބަރުންނާއި ކައުންސިލަރުން އެ މީހުންގެ ދައުރުގެ ތެރޭގައި ރައްޔިތުން ބޭނުންވެއްޖެ ހިނދެއްގައި ވަކިކުރެވޭނެ ގޮތަށް ރިކޯލް ވޯޓެއް ގާނޫނެއްގައި ކަނޑައެޅުމަކީ ވިސްނުންފުޅެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ރަށު އަދި ސިޓީ ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭ "ރިކޯލް ވޯޓު" ނެގޭ ގޮތް ހެދުމަށް ގާނޫނެއް ހެދުމުގެ ވިސްނުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
ސަންގު ޓީވީން ގެނެސްދިން "ރައީސް" ޕްރޮގްރާމެއްގައި އެ މަނިކުފާނު ވިދާޅުވީ، ދައުލަތާއި ސަރުކާރު ހިންގުމުގެ ނިޒާމު އިސްލާހުކުރުމަށް ގާނޫނުއަސާސީ އާއި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އަދިވެސް ގެންނަންޖެހޭ އިސްލާހުތައް އެބަހުރި ކަމަށެވެ.
މިގޮތުން، މަޖިލީހުގެ މެމްބަރުންނާއި ކައުންސިލަރުން އެ މީހުންގެ ދައުރުގެ ތެރޭގައި ރައްޔިތުން ބޭނުންވެއްޖެ ހިނދެއްގައި ވަކިކުރެވޭނެ ގޮތަށް ރިކޯލް ވޯޓެއް ގާނޫނެއްގައި ކަނޑައެޅުމަކީ ވިސްނުންފުޅެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެހެންވީމާ ދައުރުގެ މެދުތެރެއިން މަޖިލިސް އިންތިހާބު ބާއްވާކަން ނުޖެހޭނެ. ހަމަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބާއްވާފައި މެމްބަރުން ހޮވަންވީ. ހޮވާފައި ދައުރު ތެރޭގައި އެ ގާނޫނަށް ކަނޑައަޅާ ޝަރުތެއް ނޫނީ ކަމެއް އުނިވީ. އެ ހިސާބުން ރައްޔިތުންނަށް ފުރުސަތު އެބަ ލިބޭ އެ ގޮނޑިން ބޭރުކުރަން،" ރައީސް ވިދާޅުވި އެވެ.
އޭގެ މާނައަކީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މަޖިލިސް މެމްބަރުން ނުވަތަ ކައުންސިލަރުންގެ ޕާފޯމަންސް ދަށްވެ، ނޫނީ ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން އެ މީހުންގެ ކިބައިން ދާ ހާލަތެއްގައި، ކަނޑައެޅިފައި އޮންނަ ގޮތަށް ޕެޓިޝަން ހުށަހަޅައިގެން، ވަކި އިންސައްތައެއްގެ ވޯޓު ހަމަކޮށްގެން، އެ މެމްބަރަކު ވަކިކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބި ދިނުން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ބަދަލާ އެކު، ރައްޔިތުންގެ މަޖިލިހާއި ކައުންސިލްތަކާއި ސަރުކާރު ވެސް ހިނގާނީ ވަރަށް ހަރުދަނާކަމާ އެކު ކަމަށެވެ. އަދި އެ ބަދަލުގެ ސަބަބުން ކައުންސިލާއި މަޖިލިސް ވެސް ކުރިއަށް ދާނީ ހަމަހަމަކަމާ އެކު، ޖަވާބުދާރީ ކުރުވޭ އުސޫލަކުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.