ބީއެމްއެލްއިން ވަނީ 322 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއްގެ ފައިދާ ހިއްސާދާރުންނަށް ބަހަން ނިންމާފަ އެވެ. މިއީ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 60 ރުފިޔާ އެވެ.

ގައުމީ ބޭންކުގެ ތާރީހުގައި މިހާތަނަށް ހިއްސާދާރުންނަށް ބަހަން ނިންމި އެންމެ ގިނަ ހިއްސާއާއެކު އެ ކުންފުނި ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ.
ބާސެލާސް ނަސަންދުރަ ޕެލަސް ހޮޓެލްގައި މިރޭ ބޭއްވި ބީއެމްއެލްގެ 43ވަނަ އަހަރީ އާއްމު ޖަލްސާގައި 322 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއްގެ ފައިދާ ބެހުމަށް ނިންމާފަ އެވެ. މިއީ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 60 ރުފިޔާ އެވެ.
ބީއެމްއެލް އިން ވަނީ 2025 ވަނަ އަހަރު، ރެކޯޑު މާލީ ނަތީޖާއެއް ހާސިލްކޮށްފަ އެވެ. ވޭތުވެދިޔަ އަހަރު ބޭންކުން ހޯދާފައިވާ ނަތީޖާއަކީ މާލީ ގޮތުން ހޯދި ހަރުދަނާ ކުރިއެރުމާއި، ޚިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ހާއްސަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާއެކެވެ.
ވޭތުވެދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ބެންކަށް ލިބިފައި ވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 9.8% ގެ ކުރިއެރުމެކެވެ. ބޭންކުގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާއެކު، ބޭންކުގެ ޖުމްލަ އެސެޓްވަނީ 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގްތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް، ލޯނާއި ފައިނޭންސިންގެ ގޮތުގައި ވޭތުވެދިޔަ އަހަރު ބޭންކުން ވަނީ އަލަށް 10 ބިލިއަން ރުފިޔާ ދޫކޮށްފައެވެ. މިއީ ބޭންކުގެ ތާރީޚުގައިވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރެވެ. މީގެ އިތުރުން، ވޭތުވެ ދިޔަ މާލީ އަހަރު 30,000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅި، އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށްވުރެ %16 އިތުރުވެފައިވެއެވެ. މިއީ ބޭންކުގެ ޚިދުމަތްތަކަށް އޮތް އިތުބާރާއި ޚިދުމަތްތަކުގެ ފަސޭހަކަން ހާމަކޮށްދޭ ކަމެކެވެ.