ފައްޔަ ވިދާޅުވި ގޮތުގައި ރައްޔިތުން ފުދުންތެރި ބަޔަކަށް ހަދަން އެމްޑީޕީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އެތައް އަހަރެއް ވަންދެން ކުރި މަސައްކަތުން ހޯދާފައިވާ މިނިވަންކަމާއި ހައްގުތައް އެންމެ ދެ އަހަރުގެ ތެރޭގައި ގެއްލެމުން އަންނަ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ފުވަމުލަކު ސިޓީގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ 2023 ވަނަ އަހަރު އޮތް އެމްޑީޕީގެ ވެރިކަން ބަދަލުވުމުގެ ނަތީޖާއަކީ ނާގާބިލް ވެރިކަމެއް އިންތިހާބުވުން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރުން އިރު އެތައް ޒަމާނަކުން ހޯދި ސިޔާސީ ހައްގުތަކާއި މިނިވަންކަމާ ގުޅުން ހުރި ހައްގުތައް ގެއްލެމުން އަންނަ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"މި ފެންނަނީ އަޅުގަނޑުމެން އެ ހޯދި ހުރިހާ ހައްގުތަކެއް، ހައްގަކުން ހައްގަކުން ގޮސް ނިގުޅައިގަންނަ ތަން." ފައްޔާޒް ވިދާޅުވި އެވެ.
ރައްޔިތުން ފުދުންތެރި ބަޔަކަށް ހަދަން އެމްޑީޕީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެގޮތުން ޓެކްސް ނިޒާމާއި ރަށު ފަތުރުވެރިކަން ތައާރަފް ކުރުން ފަދަ އެތައް ކަމެއް އެމްޑީޕީން ކޮޅަށް ނަގާފައި ވަނިކޮށް މި ސަރުކާރުން އެކަންކަމާއެކު އިގްތިސާދު ވެސް ފުނޑުފުނޑު ކުރަމުން އަންނަ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އޭގެ މިސާލެއް ގޮތުގައި އޭނާ ވިދާޅުވީ އެމްޑީޕީ މިޔަރު ބޭނުން މަނާ ކުރުމުގެ ސަބަބުން އޭގެ މަންފާ ފުވަމުލަކު ފަތުރުވެރިކަމުން ފެނިގެން ދިޔަ އެވެ. ފުވަމުލަކަކީ މިޔަރުގެ ޑެސްޓިނޭޝަނެއްގެ ގޮތުގައި އޮންނަނީ މަޝްހޫރު ވެފަ އެވެ.
ނަމަވެސް މި ސަރުކާރުން އަލުން ކަށިމިޔަރު ބޭނުން ކުރަން ހުއްދަ ދިނުމުން ފުވަމުލަކުގެ ފަތުރުވެރިކަމަށް ވެސް އަސަރު ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"މިހާރު މި ފެންނަނީ އަނެއްކާ މިޔާރު ހިފަން ހުއްދަ ދިން ތަން. އޭގެ އަސަރު މިރަށަށް [ފުވަމުލަކަށް] ނުކުރާނެ ގޮތަކީ ނެތް ގޮތެއް." ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި މި ދަނޑިވަޅުގައި ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ހުރިހާ ރަށެއްގެ ކައުންސިލަށް އެމްޑީޕީގެ މެންބަރުން ހޮވުމެވެ.