އިބްރާ އިޝާރަތް ކުރެއްވި ހާލަތަކުން ގާނޫނީ ޑެޑްލޮކަކަށް ނުވަތަ ދެ އިންތިހާބު ވަކިވަކިން އަލުން ބާއްވަން ޖެހިދާނެ ގޮތެއް ނެތެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވާ އިރު މަޖިލީހުގެ ދައުރު ހަ އަހަރަށް ދެމިގެންދާނެ ހާލަތެއް ގާނޫނުއަސާސީގައި ލިޔެފައި އެބައޮތެވެ. އެ ހާލަތު މެދުވެރިވެއްޖެ ނަމަ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ އަލުން ދެ އިންތިހާބު ވަކިވަކިން ބާއްވަން މަޖުބޫރު ވާނެ ނޫންތޯ އެވެ؟
މިއީ އަންނަ މަހު 4 ގައި ބާއްވާ ރެފަރަންޑަމް އާ ގުޅޭ ގޮތުން ގާނޫނުއަސާސީ ޑްރާފްޓް ކުރި ކޮމިޓީގެ ޗެއާ އިބްރާހިމް އިސްމާއިލް (އިބްރާ) ކުރެއްވި މުހިންމު ސުވާލެކެވެ. އެ މައްސަލާގައި މިއަދާ ހަމައަށް ކުރަމުން އަންނަ ބަހުސްތަކާއި ޕެނަލް ޑިސްކަޝަންތަކުގެ ތެރެއަށް އޭނާ ދޫކޮށްލެއްވި މި ސުވާލު ވެގެން ދިޔައީ އެތައް ބަޔަކަށް ވާނުވާ ނޭނގި ކަމުގެ ހަގީގަތް އޮޅިގެން ދިޔަ ކަމަކަށެވެ.
އިބްރާގެ މި ސުވާލުން ކުރި ފެޅި އެނެއް ސުވާލަކީ މަޖިލީހުގެ ދައުރު ހަ އަހަރުގެ މުއްދަތަކަށް ދެމިގެން ދަނީ ކިހިނެތް ހެއްޔެވެ؟
ގާނޫނުއަސަސީގެ 80 ވަނަ މާއްދާ ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައި، އާންމު އިންތިހާބެއް ބޭއްވުމަށް ދަތިވެއްޖެނަމަ، މަޖިލީހުގެ އުމުރު އެއް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމުގެ ގަރާރެއް އެ މަޖިލީހުން ފާސްކުރެވިދާނެ އެވެ.
ނަމަވެސް އެފަދަ ހާލަތެއްގައި ވެސް ރިޔާސީ ދައުރު އިތުރަށް ދަންމާލެވޭނެ ވާހަކައެއް ގާނޫނުއަސާސީގައި ލިޔެފައި ނެތެވެ. އެހެންވެ ފަސް އަހަރަސް ފަހު ރައީސާއި ނައިބު ރައީސްގެ ދައުރު ހަމަވެ މަގާމުން ވަކިވާނެ އެވެ.
އެފަދަ ހާލަތެއްގައި ވެގެން ދާނެ ގޮތާއި ގާނޫނީ ގޮތުން އެންމެ ފުރަތަމަ ރައްދެއް ދެއްވީ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދެވެ.
ދިޔާނާ ފާހަގަ ކުރެއްވީ ދެ ނުކުތާ އެކެވެ؛
އެއް ކަމަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި މަޖިލިސް އިންތިހާބު ނުބޭއްވޭ ނަމަ ރިޔާސީ އިންތިހާބެއް ވެސް ނުބޭއްވޭނެ އެވެ. އެހެންވެ ރައީސް އާއި ނައިބު ރައީސްގެ ފަސް އަހަރުގެ ދައުރު ހަމަވުމުން ދެން އަމަލު ކުރަން ޖެހޭނީ ގާނޫނުއަސާސީގެ 124 ވަނަ މާއްދާގައި އޮތް ޕްރޮސީޖާ އަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ ރައީސް އާއި ނައިބު ރައީސަށް މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާނުކުރެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހަވާލުވާނީ މަޖިލީހުގެ ސްޕީކާ ކަމަށް ބުނާ މާއްދާ އެވެ.
އެހެންކަމުން ރިޔާސީ އިންތިހާބެއް ނުބޭއްވި މަޖިލީހުގެ އުމުރު ދެމިގެންދާ މުއްދަތުގައި ރައީސްގެ މަސްއޫލިއްޔަތު އަދާކުރާނީ ގާނޫނުއަސާސީގެ 124 މާއްދާގައިވާ ގޮތުގެ މަތިން ސްޕީކާ ކަމަށް ދިޔާނާ ވިދާޅުވި އެވެ. އަދި ގާނޫނުއަސާސީގައި ބުނާ މުއްދަތު ހަމަވެ އަލުން އިންތިހާބެއް ބާއްވާއިރު އޮޓަމެޓިކުން ދެން އަނެއްކާވެސް ބާއްވަން ޖެހޭނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ދެން އުފެދޭ ސުވާލަކީ އެފަދަ ހާލަތެއް މެދުވެރިވުމުގެ ކިހާ ޕްރޮބަބިލިޓީއެއް އެބައޮތް ހެއްޔެވެ؟
ރާއްޖޭގައި މިހާތަނަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ތިން ފަހަރެވެ. ފުރަތަމަ އިއުލާން ކުރީ ރައީސް އަބްދުﷲ ޔާމީންގެ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުންނެވެ. އެ ފަހަރު 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި އެވެ. އެއަށް ފަހު ދެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ފެބްރުއަރީ 1 ގެ އަމުރާ ގުޅިގެންނެވެ. އޭގެ ފަހުން ދެން ފެނިގެން ދިޔައީ ކޮވިޑް-19 ފެތުރިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރިތަނެވެ.
މި ތިން ހާލަތުގައި ވެސް މަޖިލީހުގެ ދައުރު ދަންމަން ޖެހޭހާ ގިނަ ދުވަހަކަށް އެ ހާލަތު ދެމިއެއް ނޯވެ އެވެ.
އެއާ އެންމެ ގާތް ކުރާ ފަދާ ހާލަތެއް މެދުވެރިވީ 2013 ގަ އެވެ. އެއީ ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަމުގައި ރިޔާސީ އިންތިހާބުގެ މައްސަލަތަކާ ހެދި ސުޕްރީމް ކޯޓުން ކުރި ހުކުމަކާއެކު ރިޔާސީ ދައުރު އިތުރު ހަތް ދުވަހަށް ދަންމާލަން ޖެހުމެވެ.
އެފަހަރު ސުޕްރީމް ކޯޓުން ގާނޫނުއަސާސީގެ 144 ވަނަ މާއްދާ އަށް ރިއާޔަތް ކޮށް ގާއިމް ކުރި ޕްރެސީޑެންޓަކީ ވެސް ރިޔާސީ ދައުރާ ގުޅޭ އެފަދަ މައްސަލައެއް ދިމާވެއްޖެ ނަމަ ގޮތް ނިންމައި ނިއާއެއް ކަނޑައެޅުމުގެ ބާރު އެ ކޯޓަށް ލިބިގެންވާ ކަމެވެ.
އެހެންކަމުން އިބްރާ އިޝާރަތް ކުރެއްވި ހާލަތަކުން ގާނޫނީ ޑެޑްލޮކަކަށް ނުވަތަ ދެ އިންތިހާބު ވަކިވަކިން އަލުން ބާއްވަން ޖެހިދާނެ ގޮތެއް ނެތެވެ.