ބީއެމްއެލް އިން ވިލިމާލޭގައި އަޅާ 300 ފްލެޓުގެ ބިންގާ އަޅައިފި

އެ މަސައްކަތް ނިންމަން ރާވާފައި ވަނީ 2028 ވަނަ އަހަރުގެ މެދުތެރެ އަށެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 3260 ހައުސިންގ ޔުނިޓް އަޅާނެ އެވެ.

ރޭ ވިލިމާލޭގައި ބޭއްވި ހަފްލާގައި ޝަރީފް ވާހަކަ ދައްކަވަނީ--ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑަރީ ކުންފުނި،  ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން އިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓްގެ ބިންގާ މިރޭ އަޅައިފި އެވެ.

ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސިޔާސަތުގެ ތެރެއިން ބީއެމްއެލް އިން ހިންގާ މި މަޝްރޫއު ހަވާލު ކޮށްފައި ވަނީ އާރްސީސީ އާ އެވެ. އަދި އެ މަސައްކަތް ނިންމަން ރާވާފައި ވަނީ 2028 ވަނަ އަހަރުގެ މެދުތެރެ އަށެވެ.

އެކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލީޒް ޓު އޯން ނުވަތަ ކުލި ދައްކަމުން ގޮސް މިލްކުވާ މޮޑެލްއެއް ފުޅާ ދާއިރާއެއްގައި ތައާރަފު ވެގެންދާނެ ކަމަށެވެ.

މީގެ ސަބަބުން އެޑްވާންސަށް ބޮޑެތި އަދަދުތަކުން ފައިސާ ދެއްކުމުގެ ބުރަ ކުޑަވެ އަތްފޯރާފަށުގެ މަހު ކުއްޔެއްގައި އާއިލާތަކަށް ކުއްޔެއް ދައްކަމުންގޮސް އެ މީހުންގެ އަމިއްލަ ގެދޮރު މިލްކުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންގެ ތެރެއިން ކުޑަ އާމްދަނީ ލިބޭ ރައްޔިތުންގެ ހާލަތަށް ރިއާޔަތްކޮށް ފަރުމާކޮށްފައިވާ، ގިނަފަރާތްތަކަކަށް ގެދޮރުވެރިވުމަށް ލިބޭ އެކަށޭނެ ހައްލެއް." އޭނާ ވިދާޅުވި އެވެ.

ގެދޮރުވެރިކަމަށް މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ބޭންކުން ކުރާ މަސައްކަތްތައް ވެސް ޝަރީފު ވަނީ ފާހަގަކުރައްވާފަ އެވެ.

އެގޮތުން އެޕާޓްމެންޓެއް ގަތުމަށާއި ދިރިއުޅުމަށް ގެއެއް އިމާރާތްކުރުމަށް އަމިއްލަ އަށް ކުރަންޖެހޭ ހަރަދު 20 ޕަސެންޓުން ފަސް ޕަސެންޓަށް ދަށްކޮށްފައިވާ ކަމާށާއި 2.1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނާއި ފައިނޭންސް މިދިޔަ އަހަރު މުޅިން އަލަށް ދޫކޮށްފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން ވިލިމާލޭގައި އިމާރާތް ކުރަނީ 17 ބުރީގެ ތިން ޓަވަރު އެވެ. އެއީ ތިން ކޮޓަރީގެ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެކެވެ.

ހައުސިން މިނިސްޓްރީއާ ގުޅިގެން ރާއްޖޭގައި އެންމެ ކުޑަ ރޭޓުގައި "ހިޔާވެހި ފައިނޭންސިން" ގެ ދަށުން ފައިސާ ދޫކޮށް ރަށްރަށުގައި އިތުރު ރަހުނަކާ ނުލައި ގެދޮރު އެޅުމަށާއި މަރާމާތް ކުރުމަށް ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ފަށާފައިވާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
.
މި މަޝްރޫޢަކީ ކާމިޔާބު އަދި ނަތީޖާ ނެރެވޭނެ މަޝްރޫޢަކަށް ހެއްދެވުމަށް ސަރުކާރުން ދެއްވަމުންދާ އެހީތެރިކަމާއި ދެއްވާފައިވާ ބޮޑެތި ލުއިތަކަށްޓަކައި ޝަރީފު ވަނީ ސަރުކާރަށް ޝުކުރު ދަންނަވާފަ އެވެ.

ކުލި ދައްކަން ނުޖެހޭ ގޮތަށް ވިލިމާލެ އިން ބިން ހަމަޖެހިގެން ދިއުމަކީ މަޝްރޫއުގެ ހަރަދު ބޮޑުތަނުން ކުޑަކުރެވި ދިވެހި އާއިލާތަކަށް ހަގީގީ މާނައިގައި އަގުހެޔޮ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަށް މަގުފަހިވެގެން ދިޔަކަމެއް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލް ފްލެޓް މަޝްރޫއު - މި މަޝްރޫއުގެ ދަށުން ވިލިމާލެ އާއި ހުޅުމާލެ 1 އަދި 3 ގައި ޖުމްލަ 3،260 ފްލެޓު އަޅާނެ އެވެ، މިގޮތުން ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ވަނީ 1،224 ފްލެޓު އަޅަން ހަވާލުކޮށް މަޝްރޫއު ފަށާފަ އެވެ، އަދި 1،190 ފްލެޓު ހަވާލުކޮށްފައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ އެވެ. އަދި 364 ފްލެޓު އަޅާނީ ދިވެހި ކުންފުންޏެއް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން އިންނެވެ. އަދި 182 ފްލެޓު ހަވާލުކުރީ އެފްޑަބްލިޔު ކޮންސްޓްރަކްޝަނާއާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.