ދެ އިންތިހާބު މިހާތަނަށް ވަކިން އޮތަސް ޖަވާބުދާރީ ނުކުރެވޭ

ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމް ވަރުގަދަ ކުރަން ޖެހޭ ކަމަށާއި ނަމަވެސް އެކަން ނުވެގެން އުޅެނީ ދެ އިންތިހާބު އެއްކޮށް ބާއްވަން އުޅޭތީ ނޫން ކަމަށް ކުރީގެ އެޓާނީ ޖެނަރަލް އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
އާޒިމާ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން އަންނަ މަހު 4 ގައި ނަގާ ފެންނަ ނުފެންނަ ވޯޓަށް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގަ އެވެ.
ދެ އިންތިހާބު ކުރުމާ ދެކޮޅަށް އެންމެ ގަދަ އަށް ދައްކާ ވާހަކައަކީ ދެ އިންތިހާބު އެއް ކުރުމުން މަޖިލިސް ހިންގުމުގެ ބާރާއި ސަރުކާރު ހިންގުމުގެ ބާރު އެކުވެ ޖަވާބުދާރީ ކުރުވުމުގެ ނިޒާމް ހަލާކުވުމެވެ.
ރޭގެ ޕެނަލްގައި ބައިވެރިވެވަޑައިގެންނެވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން އެ ނުކުތާ ފާހަގަ ކުރެއްވުމުން އެއަށް ރައްދު ދެއްވަމުން އާޒިމާ ވިދާޅުވީ ރައްޔިތުންގެ ލާބަޔާއި މަންފާ އަދި ގައުމުގެ ކުރިއެރުމަށްޓަކައި ގާނޫނުއަސަސީ އަށް މުހިންމު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.
އެގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމް ވެސް މިހާރަށް ވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށާއި ނަމަވެސް އެކަމަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ނުވަތަ ނުބޭއްވުމާ ގުޅުން ހުރި ކަމެއް ނޫން ކަމަށް އާޒިމާ ވިދާޅުވި އެވެ.
"ޖަވާބުދާރީ ކުރުވުމުގެ ފަންގަޝަން ވަރުގަދަ ކުރަން ޖެހޭ އެއީ ދެ އިންތިހާބު އެކުވެގެން ނުވަތަ ދެ އިންތިހާބު ވަކިވެގެނެއް ނޫން. ދެ އިންތިހާބު ވަކިން ބާއްވައިގެން އެކަން [ޖަވާބުދާރީ ކުރުވުމެއް] ނުހިންގާ." އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވި ގޮތުގައި ސަރުކާރުން މި ބަދަލު ގެނައުމަކީ ސިޔާސީ ފައިދާތަކެއް ހޯދުން ކަމަށް ނުބެލެވެ އެވެ.
ސަބަބަކީ ރާއްޖޭގެ ސިޔާސީ މާޒީ އަށް ބަލާއިރު މިހާތަނަށް ކޮންމެ ފަސް އަހަރަކު ވެސް އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބިފައިވާ ކަމަށާއި އެހެންކަމުން މިއީ އޭނާ ދެކޭ ގޮތުގައި ސަރުކާރުން ނަގާ ވަރަށް ބޮޑު ރިސްކެއް ކަމަށް އާޒިމާ ވިދާޅުވި އެވެ.
"ދެ އިންތިހާބު އެއްކޮށްގެން މިހާރު ވެރިކަން ކުރަން ތިބި ބަޔަކަށް ފައިދާތަކެއް ނެތް." އޭނާ ވިދާޅުވި އެވެ.