އެމީހުން ހޯދުމަށް ވައިގެ މަގުން 2544 އަކަ ނޯޓިކަލް މޭލު ބަލާފައިވެ އެވެ. އަދި ކަނޑުގެ ސަތަހައިން 269 އަކަ ނޯޓިކަލް މޭލު ބަލައި، ކަނޑު އަޑިން 253،662.6 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވެ އެވެ.

ވ. ކެޔޮދޫ ކައިރީން މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ލޯންޗެއް ބަންޑުން ޖަހާލައި، ގެއްލުނު އިންޑިއާ 2 މީހުން ހޯދަން ވަރަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން މިރޭ ބުނީ އެމީހުން ހޯދުމަށް ވައިގެ މަގުން 2544 އަކަ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށެވެ. އަދި ކަނޑުގެ ސަތަހައިން 269 އަކަ ނޯޓިކަލް މޭލު ބަލައިފައިވާކަމަށާއި ކަނޑު އަޑިން 253،662.6 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
"ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މެދުކަނޑާނުލައި ކުރިއަށްދާއިރު. މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ނިޝާނެއް ފެނިއްޖެނަމަ ލަސްނުކޮށް އަންގަވައި ދެއްވުމަށް އިލްތިމާސްކުރަން،" އެމްއެންޑީއެފުން ބުންޏެވެ.
އިންޑިއާގެ މަޝްހޫރު ރޭމަންޑު ގުރޫޕުގެ ޗެއާމަން ގޯތަމް ސިންގާނިއާ ދުއްވަންއިން އެ ލޯންޗުގައި ހަތް މީހަކު ދަތުރުކުރި އެވެ. އެއީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނުންނާއި ގޯތަމް ހިމެނޭހެން އިންޑިއާގެ ފަސް މީހެކެވެ.
ބާރު ސްޕީޑުގައި ދުއްވަނިކޮށް ލޯންޗު ވިއްސައިގެން ގޮސް، ފަސް މީހަކު ވަނީ މޫދަށް ވެއްޓިފައެވެ. އެއީ ރަޝިއާ މީހާއާއި އިންޑިއާގެ ހަތަރު މީހުންނެވެ. އޭގެތެރެއިން ގެއްލުނީ އިންޑިއާ ދެ މީހުންނެވެ.
މިހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި އިންޑިއާގެ މޮޓޯ ސްޕޯޓްސްގައި މަޝްހޫރު ހަރީ ސިންގުވެސް ހިމެނެއެވެ.