ރާއްޖޭގެ އެހެން ސިޔާއަތްތައް ހިންގަން ތެލުގެ ސަބްސިޑީ ލިބެ އެވެ. ޓޫރިޒަމްގެ އެންމެ މުހިންމު ބައިވެރިން އެ ތިބީ އެފަދަ އެހީއެއްގެ އިންތިޒާރުގަ އެވެ. ސަފާރީ ވިޔަފާރިއަށް އެހީއެއް ނުލިބި ކުރިއަށް ދެވޭނެ މަގެއް ނެތެވެ.

އިބްރާހިމް ޝާހިދު، އާއްމުނަމުންނަމަ (ބްލޫ ކޭ ޝާޑު) އަކީ ރާއްޖޭގެ ސަފާރީ ވިޔަފާރީގައި މަޝްހޫރު ނަމެކެވެ. ރާއްޖޭގެ ސަފާރީ ވިޔަފާރި އަށް މީގެ 26 ހަކަށް އަހަރު ކުރިން ނުކުންނެވި ޝާޑަށް މި ވިޔަފާރީގައި ތިބި އެހެން މީހުންނެކޭ އެއްގޮތަށް ތަހައްމަލް ކުރަން ޖެހިފައި މިވަނީ މިއިން ދުވަހަކު ތަޖުރިބާ ނުކުރާފަދަ ދަތި ދުވަސްތަތަކާ އެވެ. މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާއެކު ތެލުގެ އަގު އިންތިހާ އަށް އުފުލުމުގެ ސަބަބުން ސަފާރީ ބޯޓުފަހަރު ދުއްވާ މީހުންނަށް މި ދުވަސްވަރު ދިމާވެފައިވަނީ ކުއްލި "ތޫފާން" އަކަށެވެ. ސީޒަނަށް ޕެކޭޖު ވިއްކައި ސަފާރީތައް ފުރާލައިގެން ދަތުރަށް އަރާ ތިއްބައި ތެލުގެ އަގު ކުއްލިގޮތަކަށް އުފުލުމާއެކު ތެލުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެ، މި ވިޔަފާރިއަށް ވަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ. ރާއްޖޭގައި މި ވިޔަފާރީގައި 170 އަށްވުރެ ގިނަ އުޅަނދު އޮތްއިރު މި ހުރިހާ އުޅަނދުތަކަށް ވެސް ވަނީ މި މައްސަލަ ކުރިމަތިވެފަ އެވެ. ކުރިން ދަތުރަކަށް 2،000 ޑޮލަރަށް ތެޔޮ އެޅޭނަމަ މިހާރު އެ އަދަދު މިވަނީ ކުއްލި ގޮތަކަށް 6،000 އަށް އުފުލިފަ އެވެ. މި އުފުލުމާއެކު ސަފާރީ ވިޔަފާރީގެ ދަތުރުތައް ހުއްޓާލަން ޖެހިދާނެކަމުގެ ބިރު މިވަނީ ހީވެފަ އެވެ.
"ކުއްލިއަކަށް ތެލުގެ އަގު އުފުލުމާއެކު ހަދާނެ ގޮތް މިވަނީ ހުސްވެފަ. ގެސްޓުން ތިބީ އުޅަނދުގަ. އެމީހުން އަތުން އިތުރަށް އެއްޗެއް ނެގުމަކީ މުޅިރާއްޖެއަށް ގެއްލުންވާނެ ކަމެއް. އެހެންވެ އެކަން ކުރެވޭކަށް ނެތް. އެހެންވެ ޖީބުން ލައިގެން މި އުޅުނީ. އަޅުގަނޑުމެން ވަރަށް ބޭނުން މިކަމަށް އެހީތެރި ކަމެއް،" ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ، ގައުމީ ބޯޓިންސް އެސޯސިއޭޝަން ރައީސްކަން ވެސް ކުރިން ކުރެއްވި، ޝާޑް ވިދާޅުވި އެވެ.
ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން މިވަގުތު ރާއްޖޭގެ ޓޫރިޒަމްގައި 171 ސަފާރީއެއް އޮޕަރޭޝަންގައި އެބަހުއްޓެވެ. މިއީ ޖުމްލަ އެނދުގެ ގޮތުން ބަލާނަމަ 3,497 އެނދެ އެވެ. އަދި މިއީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު ބައިވެރިންނެވެ. ހަގީގަތުގައި ރާއްޖޭގެ ނެޗުރަލް ބިއުޓީ 24 ގަޑިއިރު ދައްކަމުންދާ މި މީހުންނެވެ. ދުވާލުގެ ވަގުތުތަކުގައި ސަފާރީތަކަށް އަންނަ ޓޫރިސްޓުން ތިބެނީ ކޮންމެވެސް ރަށެއްގަ އެވެ. ރަށެއްގެ އައިލެންޑް ލައިފް ތަޖުރިބާ ކުރުމުގަ އެވެ. އަދި ކެއުން ކިރުދޫންޏާއި ކުރަނގި އަރާ ރީތި ދޮންވެލީގެ ސޭންޑް ބޭންކްއެެއްގަ އެވެ. ދުވާލު ރާޅާ އެޅުމާއި މޫދު ކުޅިވަރުގައި އުޅުމަށްފަހު ރޭނގަޑު ރާއްޖޭގެ ކަނޑުގެ ރީތި ކުލަތަކާއި އަލިތައް ފެންނަ "ނައިޑް ޓައިވް" އެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު ޓޫރިސްޓުންނަށް ލިބެ އެވެ. ނަމަވެސް މި މީހުންނަކީ ޓޫރިޒަމްގެ 50 އަހަރުން މަތިވެފައިވާ ތާރީހުގައި އެންމެ އިހުމާލުވެފައިވާ މީހުންނެވެ. ވަންނާނެ ބަނދެއް ނެތެވެ. މިހާރު ދުއްވާނެ ދިވެހި ކައްޕިން ނެތުމުގެ މައްސަލަ ވެސް އިންތިހާއަށް ކުރިމަތިވެފައިވާ މި ސިނާއަތް ތަރައްގީގެ ތަރައްގީ ކުރާނެ ގައުމީ ޕްލޭނެއް ނެތި އޮޔާލާން ދޫކޮށްލާފައިވާ މި ވިޔަފާރި، މިވަނީ މި ހަނގުރާމައާއެކު ހަތަރު އަނގޮޅި ކަންމައްޗަށް ހުއްޓެން ކައިރިވެފަ އެވެ.
ގައުމީ ބޯޓިން އެސޯސިއޭޝަންގެ ރައީސް އިސްމާއިލް ޝަރީފު ވިދާޅުވި ގޮތުގައި އުޅަނދުފަހަރު އަޅާނެ ބަނދަރެއް ނެތުމުގެ ސަބަބުން މިހާރު ވެސް ހާލުގައި ޖެހިފައިވާ ބޯޓިން އިންޑަސްޓްރީގެ ހާލަތު ތެލުގެ އަގު އުފުލުމާއެކު އިތުރަށް ގޯސް ވެގެންދާނެ އެވެ.
"ޓޫރިޒަމް ސިނާއަތަށް ބަލާނަމަ ތެލުގެ އަގު އުފުލުނަސް ބައެއް ސިނާއަތްތަކަށް އިހުސާސްވެސް ނުވާނެ. މިސާލަކަށް ރަށްރަށުގައި ހުރި ގެސްޓްހައުސްތައް އޮޕަރޭޓް އެ ކުރަނީ ސަރުކާރުން ތެލުގެ ސަބްސިޑީ ދީގެން. އެހެންވެ އެ މީހުންނަށް އެއްވެސް އަސަރެއް ނުކުރާނެ. އާއްމު މާކެޓުގަ ތެޔޮ ލިޓަރެއް 27ރ. ގައި ހުއްޓަސް ސަރުކާރުގެ ސަބްސިޑީ ދިނީމަ އަގު ހެޔޮކޮށް ފެންނަނީ. އެ އަގު ހެޔޮވުމުގެ ފައިދާ އެބަލިބޭ އެހެން ވިޔަފާރިތަކަށް. އެކަމަކު އަޅުގަނޑުމެންނަކަށް އެފަދަ އެހީތެރިކަމެއް ނެތް،" ޝަރީފު ވިދާޅުވި އެވެ.
ތެލުގެ އަގު އުފުލެމުންދާތީ ސަރުކާރުން ވަނީ ބައެއް ސިނާއަތްތަކަށް ސަބްސިޑައިޒް އަގުގައި ތެޔޮ ދެމުންނެވެ. ކަންނެލި މަސްވެރިންނާއި ކަޅުބިލަ މަހުގެ މަސްވެރިންނަށް ވެސް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ސަބްސިޑީ ތެޔޮ ވަނީ ދޫކުރަން ފަށާފަ އެވެ. އަދި ޓްރާންސްޕޯޓް ސެޕްޓަރުގެ އުޅަނދު ފަހަރަށް ވެސް މި ތެޔޮ ލިބެ އެވެ. ނަމަވެސް ސަފާރީ އުޅަނދު ފަހަރަށް މިފަދަ އެއްވެސް އެހީތެރިކަމެއް މިހާތަނަށް ލިބެމުން ނުދެ އެވެ. ސުވާލަކީ ބޯޓިން ދާއިރާ ދިއުން ގެންނަން މިވަގުތު ދެވެން އޮތީ ކޮން އެހީއެއް ހެއްޔެވެ؟

ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ޖަމިއްޔާގެ މަޓާޓޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު ބައްސާމް އާދަމް ވިދާޅުވި ގޮތުގައި ސަފާރީ ސިނާއަތް ހަގީގަތުގައި ވަރަށް ބޮޑު ދަތިކަމެއް މި ވަގުތު ތަހައްމަލް ކުރަމުންދާ ކަމަށާ މި ސިނާއަތަކީ ރަނގަޅު އާމްދަނީއެއް ލިބޭ ވިޔަފާރިތަކަށްވުމުން ބޭންކިން ސެކްޓަރަށް ވެސް ކޮށްދެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވި ބޭންކްތަކުން މި ވަގުތު ރަނގަޅު ފެސިލީޓީ ތަކެއް ސަފާރީ ސިނާއަތަށް ދިނުމަކީ ކުރެވިދާނެ ކަމެއްގެ ގޮތުގަ އެވެ.
"ތައިލެންޑް ފަދަ ގައުމުތަކުން އެބަދޭ އެ މީހުންގެ ވިޔަފާރިތަކަށް ފެސިލިޓީ. އެގޮތަށް ސަރުކާރަށް އެތައް އެހީތެރިކަމެއް ދެވިދާނެ،" ބައްސާމް ބައެއް ކަންކަން ފާހަގަ ކުރެެއްވި އެވެ.
ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި ސަފާރީ ސިނާއަތަކަށް މި ވަގުތު ދެވޭނެ އެހީތެރިކަމުގެ ތެރޭގައި މި ފަހުން ބޮޑުކުރި ގްރީން ޓެކްސް ކުރީގެ އަގަށް ވަގުތީ ގޮތުން ނަމަވެސް ބަދަލު ކުރުމަކީ ކުރެވިދާނެ ކަމެކެވެ. ސަބަބަކީ މިކަަމަކީ ދައުލަތުގެ އާމްދަނީ އިން މާބޮޑު އެއްޗެއް އުނިވެގެންދާނެ ކަމަކަށް ނުވުމެވެ. ކުރިން ސަފާރީތަކަށް އަންނަ ޓޫރިސްޓެއްގެ ބޮލަކަށް ތިން ޑޮލަރު ނެގިނަމަވެސް މިހާރު ނަގަނީ ހަ ޑޮލަރެވެ. އެހެންވެ ކުރީގެ އަގަށް މިހާލަތުން އަރައި އަރައިގަނެވެންދެން ނަމަވެސް ކުޑަ ކުރެވިދާނެ އެވެ. އޭރުން ސަފާރީ ގިނަ އުޅަނދު ތަކެއް ދަތުރަށް ނެރެވިއްޖެނަމަ ދައުލަތަށް ލިބޭ ޓީޖީއެސްޓީ އާއި އެހެންހިގެން އިގްތިސޯދީ ފައިދާ މާބޮޑުވާނެ އެވެ. އަނެއް އެހީތެރިކަަމަކީ ރިލީފް ލޯނާއި ސްޓިމިއުލަސް ޕެކޭޖުތަކެއް ދިނުމެވެ. މިފަދަ އެހީތެރިކަމެއް ވެގެންދާނީ ބޮޑު ވެގެން އަންނަ ތެލުގެ އަގަށް ލިބިގެންދާނެ ބޮޑު އެހީތެރިކަމަށެވެ. އަދި މިނޫން ވެސް އެހެން ކިތަންމެ އެހީތަކެއް ސަރުކާރަށް ދެވިދާނެ އެވެ.
ސަފާރީ އިންޑަސްޓްރީއަށް މިވަގުތު އެހީތެރިކަން ދޭން ޖެހެ އެވެ. މި އިންޑަސްޓްރީ އަށް އެހީތެރިކަން ނުދޭންވީ ސަބަބެއް ނެތެވެ. ހަނގުރާމަ ފެށި ގައުމުގެ ސަފީރު ހުންނަވާ އެޕާޓްމަންޓާއި އެ ގައުމުގެ އެމްބަސީއާއި ކޮންސިއުލޭޓް ވެސް އެ ހިންގަނީ ދިވެހި ދައުލަތުގެ ސަބްސިޑީއިންނެވެ. ސަބްސިޑީ ތެލުން ދޫކުރާ ކަރަންޓުންނެވެ. އެހެންވީއިރު ދިވެހި އިންޑަސްޓްރީއެއް ހަތަރު ފައިމަތީގައި ހިފަހައްޓަން އެހީތެރިކަން ނުދޭންވީ ސަބަބެއް އަޅެ ބުނެބަލާށެވެ.