ދޫކުރާނެ އަގު އަދި ފައިނަލް ނުކުރި ނަމަވެސް ގާތްގަނޑަކަށް ދޭނީ 10،000ރ. ގެ ރޭންޖެއްގައި ކަމަށް ޝަރީފް ވިދާޅުވި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓުތައް ދޫކުރާނީ ގާތްގަނޑަކަށް 10،000ރ. ގެ ރޭންޖެއްގައި ކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ބީއެމްއެލް އިން ސަރުކާރާ ގުޅިގެން އެފަދަ މަޝްރޫއެއް ހިންގުމުގެ ބޭނުމަކީ ރައްޔިތުންނަށް ވީހާވެސް ކުޑަ އަގެއްގައި ބޯހިޔާވެހިކަން ހޯދައި ދިނުން ކަމަށެވެ.
އެގޮތުން އަޅާ ފްލެޓުތަކުގައި ހުންނާނީ ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ކަމަށާއި އެ އެޕާޓްމަންޓް ދޭނެ އަގެއް އަދި ފައިނަލް ނުވި ނަމަވެސް ދޭނީ ގާތްގަނޑަކަށް 10،000ރ. ގެ ރޭންޖެއްގައި ކަމަށް ޝަރީފް ވިދާޅުވި އެވެ.
"މާކެޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓް މި އުޅެނީ 25،000-30،000 ދެމެދު. އެހެންވެ ވަރަށް ބޮޑު ލުޔަކަށް ވެގެން ދާނެ." ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލް އިން ފްލެޓު ދޫކުރަނީ ލީޒް ޓު އޯން މޮޑަލް އަށެވެ. އެއީ ކުލި ދައްކަމުން ގޮސް ވަކި ހިސާބަކުން އަމިއްލަ ކުރެވޭ މޮޑަލް އެކެވެ.
އެ ކުންފުނިން ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލު ކޮށްގެން ކުރިޔަށް ގެންދާ އެ މަޝްރޫއުގެ ތެރެއިން 1،224 ހައުސިން ޔުނިޓްގެ ބިންގާ މިދިޔަ ހޮނިހިރު ދުވަހު ވަނީ އަޅައިފަ އެވެ.
އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 2028 ގެ މެދު ތެރޭގައި ނިންމައި ހަވާލުކުރަންޖެހޭ ގޮތަށް ކަމަށް ވެސް ޝާރީފް ވަނީ ވިދާޅުވެފަ އެވެ.