ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި މިވަގުތު ހުރި ހުރިހާ ޕްރޮޖެކްޓްތަކާއެކު 350 މެގަވޮޓްގެ ހަކަތަ އުފެއްދުމުގެ ބާރު ރާއްޖެއަށް ލިބިގެންދާނެ އެވެ.

އެކި ސަރުކާރުތަކުން އެކި ނަންނަމުގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ހިންގައިފި އެވެ. ނަމަވެސް މިކަމުން މާކައެދެވޭ ނަތީޖާއެއް އަދި ނުފެނެ އެވެ. މި ހަކަތައިން ކަރަންޓު ބިލަށް އަންނަ ބަދަލުގެ އިހުސާސެއް ނެތެވެ. މިކަމުން ދައުލަތުން ތެޔޮ އެތެރެކުރަން ކުޑަ ކުރެވުނު އަދަދެއް ނެތެވެ. މިވަގުތުން ވަގުތަށް ބަލާއިރު މުޅި ރާއްޖޭގެ 110 ރަށެއްގައި ހުރީ 164 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތަ އުފެއްދުނު ބާރު ކަމަށް ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިވަނީ ބުނެފަ އެވެ.
ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 30 ޕަސެންޓް އިޔާދަކުރަނިވި ހަކަަތަ އަށް ބަދަލު ކުރަން ސަރުކާރުން އަމާޒު ހިފާފައިވާއިރު، 2024 ގައި ކޮމް ސަމިޓަށް ސަރުކާރުން ދިއުމާ ހަމައަށް ރާއްޖޭގައި ހުރީ 53 މެގަވޮޓް އިޔާދަކުރަނިވި ހަކަތަ އެވެ. ނަމަވެސް މ ސަރުކާރުން ފަށާފައިވާ މަސައްކަތްތާއެކު މިހާރު މި އަދަދު 164 މެގަވޮޓަށް ވަނީ އިތުރު ކުރެވިފަ އެވެ.
މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި މީގެ އިތުރުން 158 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތައިގެ ބެޓެރި ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް މި ވަގުތު ވެސް އެކި މަރުހަލާތަކުގައި ކުރި އަށް ދެ އެވެ. އަދި ރ އަތޮޅާއި ބ. ގައި ހިންގާ އިޔާދަކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމެއްގެ މަސަކަތް އަންނަ މަހު ނިމޭނެކަމަށް ތޯރިގު ވިދާޅުވި އެވެ.
"މިހާރު ވެސް 18 ރަށެއްގައި 40 މެގަވޮޓްގެ އަވާ ބެޓެޓި ސިސްޓަމް ގާއިމް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރެމުން. އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ޑީޓެއިލް ޑިޒައިން ދަނީ ހަދަމުން. މީގެ އިތުރުން ޕަވާ ޕާޗޭއިންގެ ގޮތުގައި 13 ރަަށެއްގައި 14 މެގަވޮޓުގެ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް ހިންގަން ވަނީ ޓެންޑާ މަރުހަލާގައި،" ތޯރިގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ގިނަ ބަޔަކު ރިނއުބަލް އެނާޖީއަށްދާން ބޭނުންވެ އެ ނިޒާމު ގާއިމް ކުރަމުން ދަނީ އެދެމުންނެވެ. ނަމަވެސް މިހާރު ކުރިމަތިވަމުންދާ އެއް މައްސަލައަކީ އާއްމު ސިސްޓަމްގެ ގްރިޑުން 30 ޕަސެންޓަށްވުރެ ބޮޑު އަދަދެއްގެ ހަކަތަ ދޫކުރަން ދަތިވުމެވެ. އެހެންވެ އެކަމަށް ހައްލު ހޯދުމުގެ ގޮތުން ގްރިޑްތައް ވަރުގަދަކޮށް ބެޓެރި ނިޒާމު ބަހައްޓަން ވަނީ ނިންމާފަ އެވެ.
ތޯރިގު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ އިން ފެށޭނެ އެންމެ ބޮޑު މަޝްރޫ ކަމަށްވާ އެސްއީޒެޑް ޕްލޯޓިން ސޯލާ މަޝްރޫއަށް ފަޅު ހިއްކަން ފަށަން ވަނީ ތައްޔާރުވެފަ އެވެ. އަދި އެ މަޝްރޫއުގެ ދަށުން ހިއްކުން ފެށި ދެ އަހަރު ތެރޭގައި ކަރަންޓު ދޭން ފެށޭނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި މިހާރު އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ އިން ހުރި ހުރިހާ މަޝްރޫއުތަކާއެކު މި ދައުރުގައި 350 މެގަވޮޓްގެ ހަކަތަ އުފެއްދޭނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.