ހަނގުރާމައިގެ ސަބަބުން އިމާރާތްކުރުމުގެ ދާއިރާއަށް ކުރިމަތިވާނެ ދަތިތަކާމެދު މަސީގެ ކަންބޮޑުވުން

ރަށެއްގައި އިމާރާތެއްގެ މަސައްކަތް ކުރަނީ. -- މިރާ

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ މެދު މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މަސީން ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލާއި ޕެޓްރޯކެމިކަލްގެ އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން، އިމާރާތްކުރުމަށް ބޭނުންވާ ތަކެއްޗާއ،ި އުފުލުމުގެ ހަރަދުތަކާއި ލޮޖިސްޓިކްސްގެ އަގުތައް މިހާރުވެސް އުފުލެމުންދާ ކަމަށެވެ.

މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގައި މިހާރު ކުރިއަށްދާ އަދި ކުރިއަށް އޮތް މަޝްރޫއުތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭކަމަށް މަސީން ބުންޏެވެ. 

މިކަމާ ގުޅިގެން، އިމާރާތްކުރުމުގެ ސިނާއަތަށް ކުރާނެ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށްޓަކައި މަސީގެ ހިންގާ ކޮމިޓީގެ ކުއްލި ޖަލްސާއެއް ބާއްވައި ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

"މި ކޮމިޓީގެ މައިގަނޑު މަގުސަދަކީ މި ހާލަތުން އަރައިގަތުމަށް އަމަލީ ގޮތުން ކުރެވިދާނެ ކަންކަން ދެނެގަނެ، މި ދާއިރާއަށް ބޭނުންވާ އެހީތެރިކަމާއި، ލޯނު ދެއްކުން ފަސްކޮށް ދިނުން ފަދަ ލުއިތައް ފޯރުކޮށްދިނުމަށް ލަފާދިނުމާއެކު މިކަންކަމަށް މަގުފަހި ކުރުމަށް ސަރުކާރާއެކު މަސައްކަތް ކުރުމެވެ."

އެ މަސައްކަތް ކޮމިޓީން ކުރަމުންދާއިރު، އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ތިރީގައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް މަސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސަމާލުކަން ދޭންވީ ކަންކަން

  • މަޝްރޫއުތަކުގެ ހަރަދުތައް ވަރަށް ފަރުވާތެރިކަމާއެކު މުތާލިއާކޮށް ބެލެހެއްޓުން.
  • އަގުތަކަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކްލަޔަންޓުންނާ މަޝްވަރާކުރުން.
  • ތަކެއްޗާއި ތެލުގެ އަގު އުފުލުމުގެ ސަބަބުން ކޮންޓްރެކްޓްގެ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތަކަށް ރިއާޔަތްކުރުން.
  • ކޮންޓްރެކްޓްތަކުގައި ބަޔާންކޮށްފައިވާ "ފޯސް މެޖުއާ"ގެ މާއްދާތައް ބޭނުންކުރެވިދާނެ ގޮތްތައް ދެނެގަތުން

މި ދަތި ދަނޑިވަޅުގައި އިމާރާތްކުރުމުގެ ސިނާއަތުގެ ހަމަޖެހުމާއި ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ މަސައްކަތުގައި ދެމިއޮންނާނޭ ކަމުގެ ޔަގީންކަން އެ ބަޔާނުގައި މަސީން ވަނީ ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.