އިންޑޮނޭޝިއާ އާއި މެލޭޝިއާ އާއި ތައިލެންޑް އަދި ކެމްބޯޑިއާ ސަރަހައްދަށް ވެސް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާ ކުރަން މަސައްކަތް ކުރޭ
މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތަށް އިތުރަށް ތައްޔާރުވެ ތިބުމަށްޓަކައި ރާއްޖެއިން އިތުރު ގައުމުތަކަކާ އެކު ވިޔަފާރީގެ ގުޅުން ފުޅާ ކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އެމެރިކާ-އިޒްރޭލުން އިރާނަށް ހަމަލާ ދޭން ފެށުމާއެކީ ބައެއް އަމިއްލަ ކުންފުނިތަކުން ވެސް އިންޑޮނޭޝިއާ އާއި މެލޭޝިއާ ފަދަ ގައުމުތަކުން ކުރިން މުދާ ނުގެންނަ ވަރަށް ގެންނަން ފަށާފައިވާ ކަމަށެވެ.
ތަފާތު މެޓީރިއަލްތައް އެތެރެ ކުރުމަށް ރާއްޖެ އަށް ޗައިނާ އިން ވެސް ބޮޑެތި ފުރުސަތުތަކެއް އެބަހުރި ކަމަށާއި ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގެ ދަށުން ވެސް ދިވެހިންނަށް ގިނަ ފުރުސަތުތަކެއް ހުޅުވިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
"ޗައިނާ އަކީ ބޭނުން ވަރަކަށް މުދާ ލިބެން ހުންނަ ތަނެއް. އަޅުގަނޑުމެންނާ ވަރަށް ފުން ގުޅުމެއް މި އޮތީ. ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސް އާ ވަރަށް ގާތްކޮށް ވަހަކަ ދެކެވެމުން ދިޔައީ." މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހިން އާންމުކޮށް ވިޔަފާރީގެ ގުޅުން ބާއްވާ ޗައިނާ އާއި އިންޑިއާގެ އިތުރުން އިންޑޮނޭޝިއާ އާއި މެލޭޝިއާ އާއި ތައިލެންޑް އަދި ކެމްބޯޑިއާ ސަރަހައްދަށް ވެސް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާ ކުރަން ފޮރިން މިނިސްޓްރީ މެދުވެރިކޮށް މަސައްކަތް ފަށާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
"މީގެ ކުރިން އިންޑޮނޭޝިއާ ތައިލެންޑާއެއްކޮށް އެފަދަ ކޮމާޝަލް ފްރޭމްވޯކް އެގްރީމަންޓެއްގައި އޮންނާނީ ސޮއި ކުރެވިފައި." ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި އެފްރިކާގައި ހިންގާ އޭވިއޭޝަން ނެޓްވޯކުތަކާ ރާއްޖެ އާ ނެޓްވޯކް ގާއިމް ކުރުމުގެ މަސައްކަތްތައް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އޭގެ ސަބަބުން ރާއްޖެ އަށް ބޮޑެތި ފައިދާތަކެއް ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.