ތަފާސް ހިސާބުތައް ދައްކާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި 301 މެގަވޮޓް އިންސްޓޯލް ކުރެވިފައިވެ އެވެ. މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ ތެލަށް ހޭދަކޮށްފައިވެ އެވެ. މިއީ ޖީޑީޕީގެ 10 ޕަސެންޓެވެ.

ރާއްޖޭގެ ރިސޯޓްތައް ނުލައި މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓު ދޭން އަހަރަކަށް 2.9 މިލިއަން ފީފާ ތެޔޮ ބޭނުންވާ ކަމަށް ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ރިސޯޓްތައް ނުލައި ބަލާނަމަ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓު ދޭން 7،965 ފީފާ ތެޔޮ ބޭނުންވެ އެވެ. އަދި މިދިޔަ އަހަރު އެކަނި ތެލަށް 10 ބިލިއަން ރުފިޔާ، ނުވަތަ 600 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މީހުން ދިރިއުޅޭ ރަށްރަށުގައި 301 މެގަވޮޓް އިންސްޓޯލް ކުރެވިފައިވޭ. މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ ތެލަށް ހޭދަކުރި. މިއީ ޖީޑީޕީގެ 10 ޕަސެންޓް،" ތޯރިގު ވިދާޅުވި އެވެ.
މިނިސްޓަރު ތޯރިގު ވިދާޅުވީ މީގެ އިތުރުން މި ވަގުތު ވެސް 150 ރަށެއް ތަރައްގީ ކުރަމުންދާއިރު މައިގަނޑު ގޮތެއްގައި ކަރަންޓު އުފައްދާނީ ތެލުންނެވެ. އެހެންވެ މި އަދަދު ކުރިއަށް އޮތްތަނުގައި އިތުރު ވެގެންދާނެ އެވެ.
މިނިސްޓަރު ވިދާޅުވީ ހަކަތައިގެ ދާއިރާ ތަރައްގީ ކުރަން އެކި ވެރިކަންތަކުގަައި ވެސް ވަނީ މަޝްރޫއުތައް ހިންގާފަ އެވެ. އަދި މިސަރުކާރުން އެންމެ ބޮޑު ފޯކަސްއެއް ހުރީ ރިނިއުބަލް އެނާޖީ ނުވަތަ އިޔާދަކުރަނިވި ހަކަތައަކަށެވެ.
"އެހެންވެ ރާއްޖެއިން އެބަޖެހޭ ރާއްޖޭން ބޭރުން ތެލަށް ބަރޯސާ މިންވަރު ކުޑަކުރަން. މިގޮތުން ރާއްޖޭން ލިބެންހުރި ހަކަތައިގެ ވަސީލަތް ހޯދުމެއް. އެހެންވެ މި ޒަމާމަތުގައި ހަކަތައިގެ ސިޔާސަތު އިއުލާނުކޮށް މި ދާއިރާ ކުރިއަރުވަން މަސައްކަތް މި ކުރަނީ،" ތޯރިގު ވިދާޅުވި އެވެ.