ޕޯޓް އާތަގެ އެމަޖެންސީ މެނޭޖްމަންޓް އޮފިޝަލުން ވިދާޅުވި ގޮތުގައި މި ގޮވުމުގެ ސަބަބުން ކައިރި ހިސާބުތަކުގެ ގެތަކަށް ލޮޅުން އަރާފައިވެ އެވެ.

އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ ޕޯޓް އާތާގައި ހުންނަ، އެގައުމުގެ އެންމެ ބޮޑު އެއް ތެޔޮ ސާފުކުރާ ކާރުޚާނާ ކަމަށްވާ "ވަލޭރޯ ރިފައިނަރީ" ގައި ރޭ ބާރުގަދަ ގޮވުމެއް ގޮވައި، ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ އެ ސަރަހައްދުގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޭގައާއި ބަންދު ތަންތަނުގައި މަޑުކުރުމަށް އަމުރުކޮށްފަ އެވެ.
ޕޯޓް އާތަގެ އެމަޖެންސީ މެނޭޖްމަންޓް އޮފިޝަލުން ވިދާޅުވި ގޮތުގައި މި ގޮވުމުގެ ސަބަބުން ކައިރި ހިސާބުތަކުގެ ގެތަކަށް ލޮޅުން އަރާފައިވެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރިފައިނަރީން ދަނީ ވަރަށް އުސްކޮށް އަލިފާންގަނޑު އަރަމުންނެވެ.
ވަލޭރޯ ކުންފުނިން ބުނި ގޮތުގައި ކާރުޚާނާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން މިހާރު ވަނީ ކަށަވަރު ކުރެވިފަ އެވެ. ނަމަވެސް، މަދު ބަޔަކަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި މި އަލިފާން ރޯވެފައިވަނީ ޑީސަލް ހައިޑްރޯޓްރީޓާ ޔުނިޓެއްގައެވެ. މި ހާދިސާއާ ގުޅިގެން ކާރުޚާނާގެ ބައެއް އޮޕަރޭޝަންތައް ވަނީ ހުއްޓާލާފަ އެވެ.
ރިފައިނަރީގެ ވަށައިގެންވާ ބޮޑު ސަރަހައްދެއްގެ ރައްޔިތުން ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ބަންދުކޮށްގެން އެތެރޭގައި މަޑުކުރުމަށް ވަނީ އަންގާފަ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކައިރީގައިވާ ދެ ހައިވޭއެއް ވެސް ވަނީ ބަންދުކޮށްފަ އެވެ.
ހިއުސްޓަންއާ 90 މޭލު އިރުމަތީގައި އޮންނަ މި ރިފައިނަރީއަކީ ދުވާލަކު 435,000 ފީފާގެ ތެޔޮ ސާފުކުރުމުގެ ގާބިލުކަން ލިބިފައިވާ ތަނެކެވެ. މިތަނުން މައިގަނޑު ގޮތެއްގައި އުފައްދަނީ ޕެޓްރޯލާއި، ޑީސަލް އަދި ޖެޓް ފިއުލްއެވެ.