މިދިޔަ މަހުގެ 28 އިން ފެށިގެން ޑެއިލީ އެރައިވަލް އިން 4،000 ޓޫރިސްޓުން ގެއްލުނުނަމަވެސް މިހާރު މި އަދަދު ދަނީ މަދުވަމުންނެވެ. އަދި ޑެއިލީ އެރައިވް މިދިޔަ ތިން ދުވަހު ހުރީ 6000 އާ ގާތުގަ އެވެ.

މެެދުއިރުމަތީގައި މިހާރު ފެށިފައިވާ ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް ލިބެމުންދާ ގެއްލުން ކުޑަކުރަން ސަރުކާރާއި އިންޑަސްޓްރީން ފަށާފައިވާ މަސައްކަތްތަކުން ޓޫރިޒަމަށް ދަށްވުމަށް މަޑުޖެހުމެއް އަންނަ ކަމަށް ދައްކައިފި އެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ކުއްލި ގޮތަކަށް އިސްރާއިލް- އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ސަބަބުން ފެށިގެން ދިޔަ މި ހަނގުރާމައިގެ ސަބަބުން ވަނީ މެދުއިރުމަތީގެ މައި ޓްރާންސިޓް ހަބްތަކަށް ބުރޫއަރާފަ އެވެ. މީގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 30 ޕަސެންޓް ހިއްސާ އޮންނަ މެދުއިރުމަތިން ދަތުރު ކުރަން ހުރަސްތަކެއް ވަނީ ވެފަ އެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވެ ޓޫރިސްޓުންގެ ބުކިންތައް ވަނީ ގެއްލިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި ކުރިން މި ހާލަތު ފެށުނުއިރު ރާއްޖެއަށް އެވްރެޖުކޮށް ދުވާލަކު އަންނަނީ 6000 ޓޫރިސްޓުންނެވެ. ނަމަވެސް މި އަދަދު 4000 އަށް ވަނީ މަދުވެގެން ގޮސްފަ އެވެ. ނަމަވެސް އެމެދުއިރުމަތި ނޫން އެހެން ހިސާބުތަކުން ޓޫރިސްޓުން އިތުރު ކުރަން ސަރުކާރާއި އިންޑަސްޓްރީ ފަށާފައިވާ މަސައްކަތާއެކު މިދިޔަ މަހުގެ 28 އިން ފެށިގެން ބަލާނަމަ މިހާރު އެވްރެޖު ޑެއިލީ އެރައިވަލް ވަނީ ގާތްގަނޑަކަށް 5،000 އަށް އިތުރުވެފަ އެވެ. އަދި މިހާރު ބައެއް ދުވަސް ދުވަހު 6،000 ޓޫރިސްޓުން އަންނަ ކަމަށް ދައްކަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިމަހުގެ 21-1 ގެ ނިޔަލަށް ރާއްޖެއަށް 108,681 ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވާ 132,346 ޓޫރިސްޓުންނާ އަޅާބަލާއިރު، 23,665 ޓޫރިސްޓުން މަދުވެ 17.9 ޕަސެންޓުގެ ދަށްވުމެއް އައިސްފަ އެވެ.
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 590,449 ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރު އައިސްފައިވާ 565,199 ޓޫރިސްޓުންނާ އަޅާބަލާއިރު 4.5 ޕަސެންޓުގެ އިތުރުވުމެކެވެ.