ސައީދު ވިދާޅުވި ގޮތުގައި ޕީއެންސީގައި މިހާރު ތިއްބެވި ބޭފުޅުންނަކީ މީގެ ކުރިން ވެސް ދިއްދޫ އަށް ތަރައްގީ ގެނައި ފަރާތްތަކެވެ.

ހއ. ދިއްދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އަށް އެމްޑީޕީގެ މެންބަރުން އިންތިހާބު ވެގެން ރަށަށް ވާނެ އެއްވެސް މޮޅެއް ނޯންނާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ދިއްދޫގައި މިރޭ ބޭއްވި ޕީއެންސީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ދިއްދޫ އަށް ހެޔޮއެދޭ ނަމަ އެ ރަށުގެ ރައްޔިތުން ވޯޓު ދޭން ވާނީ ޕީއެންސީގެ ފަރާތުން ވާދަ ކުރާ ފަރާތްތަކަށް ކަމަށެވެ.
އެމްޑީޕީ އަށް ވޯޓު ދޭން ނުޖެހޭ ސަބަބުތައް ބަޔާން ކުރަމުން ސައީދު ވަނީ ކުރީ ސަރުކާރާއި އެ ޕާޓީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަސް އަހަރުގެ ދައުރެއް ނިންމާލީ ރާއްޖެ ދަރުވާލައި ރިޒާވް ހުސް ކުރުމުގެ އިތުރުން ފައިސާ ވެސް ޗާޕު ކޮށްފައި ކަމަށް ސައީދު ވިދާޅުވި އެވެ.
އެ ޕާޓީ މިހާރު އޮތީ އެއްވެސް ވެރިއަކު އަދި ލީޑާޝިޕެއް ނެތް ހާލަތެއްގައި ކަމަށާއި އެއީ މިސްރާބެއް ނެތް ޕާޓީއެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"އަބްދުﷲ ޝާހިދޭ ބުނޭ [ރިޔާސީ އިންތިހާބަށް] ވާދަ ކުރަނީ. އަނެއްކޮޅުން ބުނޭ [ކުރީގެ ނައިބު ރައީސް] ފައިސަލް އޭ. މަޖިލިސް ތެރޭ [އެމްޕީ] ޝަމްހީދޭ ވެސް ކިޔާ." ސައީދު ވިދާޅުވި އެވެ.
"ދެން ދިއްދޫގެ ތަރައްގީ އަށް އެމްޑީޕީ ކައުންސިލެއް އައިސްގެން ކޮން މޮޅެއްތޯ ވާނީ." އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ޕީއެންސީގައި މިހާރު ތިއްބެވި ބޭފުޅުންނަކީ މީގެ ކުރިން ވެސް ދިއްދޫ އަށް ތަރައްގީ ގެނައި ފަރާތްތަކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ރަށުގައި ތާރު އެޅުމާއި ފްލެޓު އެޅުމުގެ މަސައްކަތް ކުރެއްވި އިރު މިހާރު ބިން ހިއްކުމާއި ހޮސްޕިޓަލާއި ބޮޑު ފުޓުބޯޅަ ދަނޑު އެޅުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދަންނަވަނީ މި އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓުންނަށް ދެއްވައިފި ނަމަ ރައީސްގެ ތަރައްގީގެ ސްޕީޑް ދާނީ އާދަޔާ ހިލާފަށް ބާރަށް މި ރަށަށް." ސައީދު ވިދާޅުވި އެވެ.
ސައީދު ވަނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ އިތުރުން ފެންނަ ނުފެންނަ ވޯޓުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ތާއީދު ކޮށްދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ.