މަޖިލީހުގައި އުމުރުން 30 އަހަރުގެ ޒުވާނުންނާއި އަންހެނުންނަށް ވަކި ކަނޑައަޅާނެ ކަމަށް ރައީސް ވިދާޅުވި

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެންބަރުންގެ ވަކި ޕަސެންޓަކީ 30 އަހަރުން ދަށުގެ ޒުވާނުން ކަމުގައި ކަނޑައެޅުމަށް ދިރާސާތައް ހަދަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒާމާއި ގާނޫނުއަސާސީ އަށް މުހިންމު އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށާއި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނަގާ ރިފަރަންޑަމް އަކީ އޭގެ ތެރެއިން އެއް މަސައްކަތް ކަމަށެވެ.
އޭގެ އިތުރުން މަޖިލިސް މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވަން ހުށަހަޅާ އިސްލާހާއެކު ވަކި ޕަސެންޓެއްގެ މެންބަރުންނަކީ އުމުރުން 30 އަހަރުގެ ޒުވާނުންނަށް ވުމާއި ވަކި އަދަދެއްގެ އަންހެން މެންބަރުން ވެސް ތިއްބަވާ ގޮތަށް ގާނޫނުއަސަސީ އަށް އިސްލާހު ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިހާރު ކައުންސިލްތަކުގައި އޮވޭ އަންހެނުންނަށް ވަކި އަދަދެއްގެ ކަނޑައެޅިފައި. އެކަމަކު އެމްޕީސް އަކަށް ނޯވޭ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި އެއް ބުރު އޮންނަ ގޮތަށް ޕްރިފަރަންޝިއަލް ވޯޓިން އަކަށް ދިޔުމާ ގުޅޭ ކަންކަން ވެސް ސަރުކާރުން އަންނަނީ ދިރާސާ ކުރަމުންނެވެ. އޭގެ އިތުރުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމްޕޮޒިޝަން ބަދަލު ކުރުމާއި މިނިވަން މުއައްސަސާތައް އިތުރަށް މިނިވަން ކުރާނެ ގޮތުގެ އިސްލާހުތަކެއް ވެސް ގެންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.