400 އަކަފޫޓަށްވުރެ ކުޑަ ބިން ސަރުކާރަށް ނުނަގައި، އާއިލާ މީހަކަށް ދެވޭ ގޮތް ހަދަނީ

ނަމަވެސް އާ ބަދަލާއެކު އެމީހާގެ އަނބިމީހާ / ފިރިމީހާ ނުވަތަ ދަރިން ނުވަތަ އެއްބަނޑުއެއްބަފާ މީހުންނަށް އެ ބިން ދޫކޮށްލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --

ސަރުކާރުން ދޫކުރާ ބޯހިޔާވަހިކަން ލިބޭ ހާލަތުގައި، އަމިއްލަ ނަމުގައި އޮންނަ 400 އަކަފޫޓަށްވުރެ ކުޑަ ބިންތައް ދައުލަތަށް ދޫކޮށްލުމުގެ ބަދަލުގައި، އެ ބިން އާއިލާ މީހަކަށް ދެވޭގޮތަށް ބަދަލުކުރަން ނިންމާފަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ ބަދަލު ގެނައުމަށްފަހު މިއަދު ނުވަތަ މާދަމާ ގެޒެޓް ކުރާނެ ކަމަށެވެ.

މިހާރު އުސޫލުގައި އޮންނަނީ ފްލެޓެއް ނުވަތަ ގޯއްޗެއް ލިބޭ ހާލަތެއްގައި، 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް އެމީހާގެ އޮވެއްޖެނަމަ އެ ބިންކޮޅު ދައުލަތަށް ނަގާ ގޮތަށެވެ. ނަމަވެސް އާ ބަދަލާއެކު އެމީހާގެ އަނބިމީހާ / ފިރިމީހާ ނުވަތަ ދަރިން ނުވަތަ އެއްބަނޑުއެއްބަފާ މީހުންނަށް އެ ބިން ދޫކޮށްލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ އުސޫލު އަޅުގަނޑުމެން މި ބަދަލުކޮށްލަނީ، ބަދަލުކޮށްފަ އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ނޫނިއްޔާ ދަރިން ނޫނީ އެއްބަނޑުއެއްބަފާ ސިބްލިންގްސް، މިފަރާތްތަކުގެ ތެރެއިން އެމީހާ ބޭނުންވާ މީހަކަށް އެބިންކޮޅު ދޫކޮށްލެވޭ ގޮތަށް މި ބަދަލުކޮށްލަނީ،" ރައީސް ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ތެރެއިން ބިން ދޫކޮށްލަން ޖެހޭ ފަރާތްތަކަށްވެސް މި އުސޫލުގެ ދަށުން އާއިލާ މީހަކަށް ބިން ދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހަމައެކަނި ދައުލަތަށް ދޫކޮށްލަން ޝަރުތުކުރާނީ ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން ލިބިފައިވާ ފްލެޓެއް ދޫކޮށްލަންޖެހޭ ހާލަތެއްގައި އެ ފްލެޓް ކަމަށެވެ.

"ބިންކޮޅު ވަރަށް ގިނަ ފަރާތްތަކުން އިންވެސްޓްކޮށްފަ ހުރީ، ލޯނު ނަގައިގެން ހަދާފަވެސް އެބަހުރި، ދެން ވަރަށް ކޮމްޕްލިކޭޓެޑް އެކިކަހަލަ ހާލަތްތައް ހުރީ. އެހެންވީމަ އަޅުގަނޑުމެން ބޭނުމެއް ނޫން ސަރުކާރަށް އެތަން ނެގުމުގެ އެއްވެސް ކަހަލަ ބާޑަންއެއް ރައްޔިތުންނަށް ޕާސްކުރާކަށެއް. އެހެންވީމަ ރައްޔިތުންގެ އާއިލާގެ ތެރޭގައި އެ ބިންކޮޅު ބޭއްވޭގޮތަށް މިހަދަނީ،" ރައީސް ވިދާޅުވި އެވެ.

އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް، ގޯތި ލިބޭ ގޮތަށް ވެސް ދާދިފަހުން ވަނީ އުސޫލު ބަދަލުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.