މަރުގެ ހުކުމަކީ ހަދައި ގަވާއިދަކުން ތަންފީޒު ކުރެވޭ ކަމަކަށް ވެގެން ނުވާނެ ކަމަށާއި އެހެންވެ އެކަމާ ގުޅޭ ގާނޫނެއް އެކުލަވާލުމަށް ހާއްސަ ބިލެއް އެޓާނީ ޖެނަރަލް އޮފީހުން ހަދަމުން އަންނަ ކަމަށް ރައީސް ވިދާޅުވި

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގައި ޝަރުއީ ހުރިހާ މަރުހަލާއެއް ނިމި މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހިފައި ތިބި އެތައް ފަރާތްތަކެއް އެބަތިބި ކަމަށާއި އެ ހުކުމް ތަންފީޒު ނުކޮށް ހިފަހައްޓާފައި ބެހެއްޓުމަކީ ރާއްޖޭގެ ވެރިއަކަށް ހުންނަ މީހާ އަށް އޮތް ފުރުސަތެއް ނޫން ކަމަށެވެ.
މަރުގެ ހުކުމަކީ ހަދައި ގަވާއިދަކުން ތަންފީޒު ކުރެވޭ ކަމަކަށް ވެގެން ނުވާނެ ކަމަށާއި އެހެންވެ އެކަމާ ގުޅޭ ގާނޫނެއް އެކުލަވާލުމަށް ހާއްސަ ބިލެއް އެޓާނީ ޖެނަރަލް އޮފީހުން ހަދަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި މި ބިލު މަޖިލީހަށް ފޮނުވާނަން. ބިލު މަޖިލީހުން ފާސްވެގެން އައުމުން ތަސްދީގު ކުރެވުނީމަ ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވާ ހުރިހާ ފަރާތްތަކެއްގެ މަރުގެ އަދަބު ތަންފީޒު ކުރާނެ." ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒު ކޮށްފައިވަނީ 1953 ވަނަ އަހަރު އެވެ. އެއީ އޭރުގެ ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލަން އުޅުނުކަން ސާބިތުވި މީހެއްގެ މައްޗަށެވެ.
އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒު ކުރަން ވައުދުވެ އެކަމާ ބެހޭ ގަވާއިދެއް އެކުލަވައިލި އެވެ. އެ ގަވާއިދުގައި ބުނާ ގޮތުން މަރުގެ އަދަބު ދެވޭނީ ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަންޖައްސައިގެންނެވެ. އަދި މަރުގެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފް މަރުހަލާ ނިމި އަދި މަރުވި މީހާގެ ވާރިސުން އެންމެ ފަހު ވަގުތު ވެސް ގާތިލަށް މައާފް ނުދީފި ނަމަ އެވެ.
ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓައި، އިސްތިއުނާފްގެ މަރުހަލާ ނިމިފައިވާ ތިން މީހަކު އެބަ ތިއްބެވެ. އެއީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ވަކީލް އަހުމަދު ނަޖީބުގެ ގާތިލް އަހުމަދުގެ މުއްރަތާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލެވެ.