ޔޫއޭއީގެ ކާބޯތަކެތީގެ ރައްކާތެރިކަން ބިނާވެފައިވަނީ ހަމައެކަނި ގައުމުގައި ހުރި ރިޒާވްގެ މައްޗަކަށް ނޫނެވެ. މީގެ ބަދަލުގައި ދުނިޔޭގެ އެކި ގައުމުތަކާއެކު އޮތް ވަރުގަދަ އިގްތިސާދީ ގުޅުންތަކުގެ ސަބަބުންނެވެ.

ދުނިޔޭގެ ބާޒާރުގައި ހުރި ނުތަނަވަސްކަމާއި ދަތިތަކާއެކުވެސް، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ކާބޯތަކެތީގެ އެކަށީގެންވާ ސްޓޮކެއް އެބަހުރި ކަމަށާއި މެދުކެނޑުމެއް ނެތްގޮތަށް ތަކެތި ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެގައުމުގެ ސަރުކާރުން ދީފި އެވެ.
މިކަން ހާމަކުރެއްވީ ޔޫއޭއީގެ މިނިސްޓަރު އޮފް އިކޮނޮމީ އެންޑް ޓޫރިޒަމް އަބްދުﷲ ބިން ތޫޤް އަލް މައްރީ، ޝާރުޖާގެ ލުލޫ ހައިޕާމާކެޓަށް އިއްޔެ ކުރެއްވި ޒިޔާރަތަކަށްފަހުގަ އެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ޔޫއޭއީގެ ކާބޯތަކެތީގެ ރައްކާތެރިކަން ބިނާވެފައިވަނީ ހަމައެކަނި ގައުމުގައި ހުރި ރިޒާވްގެ މައްޗަކަށް ނޫނެވެ. މީގެ ބަދަލުގައި ދުނިޔޭގެ އެކި ގައުމުތަކާއެކު އޮތް ވަރުގަދަ އިގްތިސާދީ ގުޅުންތަކުގެ ސަބަބުން، އެއް ދިމާލަކުން ސަޕްލައި މެދުކެނޑުނަސް އެހެން މަގުތަކުން ތަކެތި ހޯދުމުގެ ގާބިލުކަން ޔޫއޭއީ އަށް ލިބިގެންވެ އެވެ. އަދި ދުނިޔޭގެ ފެންވަރުގެ ބަނދަރުތަކާއި ވައިގެ މަގުންނާއި އެއްގަމު މަގުން މުދާ އުފުލޭނެ އެންމެ ޒަމާނީ ނިޒާމުތައް އެގައުމުގައި ގާއިމުކުރެވިފައިވެ އެވެ.
ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު އުފުލުނަނުދީ ހިފެހެއްޓުމަށް އެ ގައުމުގެ ކޮމާސް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން 627 ބޮޑެތި ފިހާރަތަކާއި ހައިޕަމާކެޓްތައް އިލެކްޓްރޯނިކް ސިސްޓަމެއްގެ މެދުވެރިކޮށް ވަގުތުން ވަގުތަށް މޮނިޓާ ކުރެވެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ލުލޫ ގްރޫޕްގެ ޗެއާމަން ޔޫސުފް އަލީ އެމްއޭ ވިދާޅުވީ ކާބޯތަކެތީގެ ސަޕްލައި އިތުރުކުރުމަށްޓަކައި އެ ގްރޫޕުން ދާދި ފަހުން ޗާޓަރު ފްލައިޓްތަކާއި މުދާ އުފުލާ ބޯޓުތަކުގައި 5،000 ޓަނަށްވުރެ ގިނަ ތަރުކާރީ އާއި މޭވާ އަދި މަހުގެ ބާވަތްތައް އެތެރެކޮށްފައިވާ ކަމަށެވެ.