ތައިލެންޑު ތެޔޮ ހުސްވުމުގެ ބިރާއެކު ހާސްކަމަށް، ލަންކާގައި ތެޔޮ އަގު ބޮޑުކޮށްފި

ތައިލެންޑުގެ ބައެއް ޝެޑްތަކުން ވަނީ ތެޔޮ ހުސްވެފައިވާ ކަމުގެ ބޯޑު އަޅުފާފަ އެވެ. އަދި ލަންކާއިން މިދިޔަ ދެ ހަފުތާގައި ދެވަނަ ފަހަރަށް ގެނައި ބަދަލާއެކު ތެޔޮ ލިޓަރަކުން 1.30 ޑޮލަރު ވަނީ މައްޗަށް ޖައްސާލާފަ އެވެ.

ތައިލެންޑުތަކުގައި ތެޔޮ ހުސްވިކަމުގެ ބޯޑު އަޅުވާފަ އަދި ލަންކާގައި ތެޔޮ ހޯދަން ރައްޔިތުން ކިޔޫގައި -- އޭއެފްޕީ / ބެންކޮން ޕޯސް

ދިވެހިން އާއްމުކޮށް ގޮސް އުޅޭ ތައިލެންޑުން ތެޔޮ ހުސްވެދާނެ ކަމަށް ޕެނިކަށް ގޮސްފައިވާއިރު، އަވަށްޓެރި ސްރީލަންކާގައި ތެޔޮ އަގު ބޮޑުކޮށްފި އެވެ. 

ތައިލެންޑުގެ ނޫސްތަކުން ބުނާ ގޮތުގައި ދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެޔޮ ލިބުމަށް ދަތިވެ، ތައިލެންޑުގެ ގިނަ ތެޔޮ ސްޓޭޝަންތަކުން ތެޔޮ ހުސްވާން ފަށައިފިއެވެ. މީގެ ސަބަބުން އާންމުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދި، ތެޔޮ އެޅުމަށްޓަކައި ސްޓޭޝަންތައް ކައިރީގައި ދިގު ކިއޫތައް ވަނީ ހަދާފަ އެވެ.

އިގްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ އާމްދަނީ މަދުން ލިބޭ އާއިލާތަކަށެވެ. މިހާރު ތައިލެންޑުގެ އެކި ސަރަހައްދުތަކުގައި "ތެޔޮ ހުސްވެއްޖެ" ކަމުގެ ބޯޑުތައް ހަރުކުރަމުންދާއިރު، މިއީ ގައުމުގެ ދަތުރުފަތުރާއި މުދާ އުފުލުމުގެ ދާއިރާއަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ތައިލެންޑުގެ ޝެޑްތަކުގައި ތެޔޮ ނެތްކަން އަންގައިދޭން ބަހައްޓާފައިވާ ބޯޑެއް -- ބެންކޮކް ޕޯސް

ތައިލެންޑުގައި މިވަރުގެ ޕެނިކެއް އުފެދިފައިވާއިރު އެ ގައުމުގެ ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ.

ތައި ސަރުކާރުން އަޅާ ފިޔަވަޅުތައް

  • ބަޔޯފިއުލް ބޭނުންކުރުން - އިމްޕޯޓްކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފިޔަވަޅު އެޅުން
  • އާ ގައުމުތަކުން ތެޔޮ ހޯދުން - މެދުއިރުމަތީގެ އިތުރުން އެމެރިކާ އަދި އެންގޯލާ ފަދަ ގައުމުތަކުން ތެޔޮ ހޯދުމުގެ މަސައްކަތް ކުރުން
  • އަގު ކޮންޓްރޯލް ކުރުން - ތެލުގެ އަގު އިންތިހާއަށް އުފުލިއްޖެ ނަމަ، ޓެކްސް ކުޑަކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް ތަޖުރިބާކާރުން

އެ ގައުމުގެ ބައެއް އިގްތިސާދީ މާހިރުންނާ ހަވާލާދީ ބެންކޮކް ޓައިމްސްގައިވާ ގޮތުގައި  ސަރުކާރުން ތެލުގެ އަގަށް ސަބްސިޑީ ދިނުމުގެ ބަދަލުގައި މާކެޓް އަގަށް ތެޔޮ ވިއްކުމަށް ދޫކޮށްލުމަކީ މުހިންމު ކަމެކެވެ. އޭގެ ބަދަލުގައި އާންމު ދަތުރުފަތުރުގެ އަގު ހެޔޮކުރުމަށް ސަރުކާރުގެ ބަޖެޓުން ހަރަދުކުރުން މާ ބުއްދިވެރިވާނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވައެވެ. އަދި ކުރިއަށް އޮތް ސޮންގްކްރާން ބަންދާ ދިމާކޮށް ތެޔޮ ލިބުމުގެ ދަތިކަން އިތުރަށް ބޮޑުވެދާނެތީ، ބަސް އޮޕަރޭޓަރުންނާއި ވިޔަފާރިވެރިން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގަ އެވެ.

ލަންކާގައި ތެޔޮ ލިޓަރެއް 382 ރުޕީސްއަށް

ތައިލެންޑުގައި މި މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، އަވަށްޓެރި ސްރީލަންކާގައި ވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، ސްރީލަންކާގެ ތެލުގެ އަގުތަކަށް ބޮޑު ބަދަލެއް ގެނެސްފިއެވެ. މިއީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި ތެލުގެ އަގު ބޮޑުކުރި ދެވަނަ ފަހަރެވެ. މި ބަދަލާއެކު ޕެޓްރޯލް ލިޓަރެއްގެ އަގު ވަނީ 398 ރުޕީސް ނުވަތަ ގާތްގަނޑަކަށް 1.30 ޑޮލަރަށް އުފުލިފައެވެ. އަދި އާންމު ދަތުރުފަތުރަށް ބޭނުންކުރާ ޑީސަލް ލިޓަރެއްގެ އަގު ވަނީ 382 ރުޕީސް އަށް ބޮޑުވެފަ އެވެ.

އައިއެމްއެފްގެ ޕްރެޝަރާއެކު ފިޔަވަޅުތަކެއް

މި ހާލަތަށް ގޮސްފާނެ ކަމަށް ބަލައި އައިއެމްއެފްގެ ޕްރޮގްރާމުގެ ތެރޭގައި އޮތް ލަންކާ އިން ވަނީ ހަކަތައިގެ ރައްކާތެރިކަމަށް އަޅަމުންދާ ފިޔަވަޅުތަކެއްވެސް އަަޅާފަ އެވެ. އެގޮތުން ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަ ވަނީ ހަފުތާއަކު މަސައްކަތްކުރާ ދުވަސްތައް ހަތަރު ދުވަހަށް މަދުކުރަން އަމުރުކުރައްވާފަ އެވެ. އަދި ތެޔޮ ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި، ކުރެވެން އޮތް ދާއިރާތަކުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް "ވޯކް ފްރޮމް ހޯމް" ހަމަޖެއްސުމަށް ވަނީ އަންގާފަ އެވެ. އަދި ކޮންމެ މީހަކަށްވެސް ވަކި މިންވަރަކަށް ތެޔޮ ލިބޭ ގޮތަށް ކޮންޓްރޯލްތަކެއް ވަނީ ތައާރަފްކޮށްފަ އެވެ.

ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި މި ފިޔަވަޅުތަކުގެ ބޭނުމަކީ ގައުމުގައި ތެޔޮ ބޭނުންކުރާ މިންވަރު 15 އިންސައްތައާއި 20 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްކުރުމެވެ.

ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 20 އިންސައްތަ ހިއްސާކުރާ ހޮރުމޫޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން، ތެޔޮ އެތެރެކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މިއީ 2022 ވަނަ އަހަރު ކުރިމަތިވި އިގްތިސާދީ ކްރައިސިސްއިން އަރައިގަތުމަށް މަސައްކަތްކުރަމުންދާ ސްރީލަންކާ އަށް މި ހަނގުރާމައިގެ ސަބަބުން އިތުރު ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު މާހިރުން ވަނީ ދީފައެވެ.

މިވަގުތު ދުނިޔޭގެ ތެލުގެ ބާޒާރަށް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ދެއްވި 48 ގަޑިއިރުގެ މުހުލަތެވެ. ޓްރަމްޕްވަނީ ހޮރުމޫޒް ކަނޑުއޮޅި ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ނުހުޅުވައިފިނަމަ އީރާނުގެ ހަކަތައިގެ ނިޒާމު ސުންނާފަތިކޮށްލާނެކަމުގެ އިންޒާރު ދީފަ އެވެ. މި އިންޒާރާއެކު ތެލުގެ އަގު ވަނީ ބޮޑުތަކުން އުފުލިފަ އެވެ. މިހާރު ތެޔޮ ފީފާއެއްގެ އަގު ހުރީ 114 ޑޮލަރަށްވުރެ މަތީގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.