އަދި ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން ރައްޔިތުންނަށް އެކަމުގެ އިތުރު ބުރައެއް، ތަކުލީފެއް ނާންނަ ފަދަ ގޮތަކަށް ރާވާނެކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަ ކުރިއަށް އޮތް ހަ މަސް ދުވަހަށް ދިގުލައިގެންދާ ހާލަތެއްގައި، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ހަނގުރާމައާ ގުޅިގެން އެކުލަވާލާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، މި ހަނގުރާމަ އަވަހަށް ނިމޭނެކަމަށް ދެކުމަކީ ގޯހެއް ކަމަށެވެ.
"ވަން ޓޫ މަންތްސްއަކުން މިކަން ނުނިމޭނެ. އަޅުގަނޑުމެން މިހާރު ރާވަމުން މިގެންދަނީ ހަ މަސްދުވަހާ ހިސާބަށް ގޮސްދާނެ ކަމަށް. ދެން އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތައް ބަލާފައި، ރައީސުލްޖުމްހޫރިއްޔާ އަދި ކެބިނެޓުގެ ލަފާގެ މަތިން އެކްސްޓާނަލް ރިޒާވާއި، ހަރަދު ކުޑަކުރުމުގެ ކަންތައް ކުރިއަށްގެންދާނީ،" އޭނާ ވިދާޅުވި އެވެ.
އެހެން ގައުމުތަކުން ހަރަދު ކުޑަކުރުމުގެ ބައެއް ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވައި ޒަމީރު ވިދާޅުވީ، ސަރުކާރުން ފިޔަވަޅުތައް އަޅަންޖެހުނަސް އެކަން ރާވާފައިވަނީ، ބައެއް ލޯނުތައް ރީފައިނޭންސް ކުރުން ފަދަ ކަންކަމަށް ބުރޫނާރާނެ ފަދަ ގޮތަކަށް ކަމަށެވެ.
މިގޮތުން، ސިއްހީ ފަރުވާ އާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ގޮތަކަށް ރާވައިގެން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
"އަޅުގަނޑުމެން އެބަހުރި އެސްޓިމޭޓްސް ހަދާފައި. އެއާ އެއްގޮތަށް އަޅުގަނޑުމެން ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާނަން. ސީދާ މިވެނި މިވެނި ބަދަލުތަކޭ، އެއް ގަޑިއިރަށް އޮފީސްތައް ބަންދުކުރާނަމޭ، ނޫނީ އޯވާޓައިމް މި މަހަކު ނުދޭނަމޭ، އެގޮތަކަށް އެކަން ކުރަން އަޅުގަނޑު ގައިމުވެސް ނުވިސްނަން،" ޒަމީރު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ހަނގުރާމަ ދިގުލައިގެންދާނަމަ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ކޮމިޓީން ދަނީ މަޝްވަރާތަކެއް ކުރަމުންނެވެ.
އަދި ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން ރައްޔިތުންނަށް އެކަމުގެ އިތުރު ބުރައެއް، ތަކުލީފެއް ނާންނަ ފަދަ ގޮތަކަށް ރާވާނެކަމަށް އޭނާ ވެސް ވިދާޅުވި އެވެ.