ނޭޝަނަލް ފިއުލް ރިޒާވެއް ގާއިމް ކުރަން ކެބިނެޓުގައި މަޝްވަރާ ކުރި ކަމަށް ޒަމީރު ވިދާޅުވި އެވެ.

ރާއްޖޭގައި އަހަރެއް ވަންދެން ބޭނުން ކުރެވޭ ވަރުގެ ތެލުގެ ރިޒާވެއް ހެދުމުގެ މަސައްކަތް ފަށަން ސަރުކާރުން ނިންމައިފި އެވެ.
މިކަން އިއުލާޏް ކުރެއްވީ އިޒްރޭލާއި އެމެރިކާ އިން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އާ ގުޅިގެން ފިޔަވަޅު އެޅުމަށް އުފައްދާފައިވާ މިނިސްޓަރުންގެ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
އެ ކޮމިޓީގެ ޗެއާ އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖެ އަށް މިހާރު ގެނެސްފައިވާ ތެލުގެ ދެ ޝިޕްމަންޓަކީ އަންނަ މަހުގެ މެދަކާ ހަމައަށް ބޭނުން ކުރެވޭ ވަރުގެ ތެލެވެ. އެހެންކަމުން އެއީ ގާތްގަނޑަކަށް 20 ދުވަހުގެ ރިޒާވެކެވެ.
އެ މައްސަލަ ހައްލު ކުރަން މެދު އަދި ދިގުރާސްތާ ރޭވުންތަކެއް ރާވަމުން އަންނަ ކަމަށާއި އެގޮތުން ނޭޝަނަލް ފިއުލް ރިޒާވެއް ގާއިމް ކުރަން ކެބިނެޓުގައި މަޝްވަރާ ކުރި ކަމަށް ޒަމީރު ވިދާޅުވި އެވެ.
"ރާއްޖެ އެންމެ ބޮޑު ސެންސިޓިވިޓީއެއް މި އޮންނަނީ ތެލަށް. ކުރިޔަށް އޮތް ތަނުގައި އެ މަޝްރޫއު ފަށައިގަންނާނަން. މިއީ ރާއްޖެ އަށް ކޮންމެހެން ބޭނުންތެރި ކަމެއް." އޭނާ ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި އެއް އަހަރު ދުވަހަށް ބޭނުންވާ ތެލުގެ ރިޒާވް ގާއިމް ކުރާނީ ރާއްޖޭގެ ތިން ސަރަހައްދެއްގަ އެވެ. އެވަރުގެ މަޝްރޫއެއް ހިންގަން ފަސް ވަރަކަށް އަހަރު ނަގާނެ ކަމަށާއި ނަމަވެސް ފުރަތަމަ ފިޔަވަހި ދެ އަހަރެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިހާރު ގެނެސްފައިވާ ތެލުގެ ޝިޕްމަންޓް އަންނަ މަހު މެދަކާ ހަމައަށް ހުސްވި ނަމަވެސް އަންނަ މަހު ކުރީ ކޮޅު އިތުރު ޝިޕްމަންޓުތަކެއް އަންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް އުފުލުނަސް ތެޔޮ ލިބުމުގައި އަދި ދަތިތަކެއް ކުރިމަތި ނުވާ ކަމަށް ސަރުކާރުން ޔަގީން ކަން ދެ އެވެ.