އޭނާ ތާއީދު ކުރައްވަން ނިންމެވި އެއް ސަބަބަކީ ސަރުކާރު ކެނޑިޑޭޓަށް ވުން

މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.
މޫސާ ޖަލީލާ މިއަދު ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް އަބަދުވެސް އިންތިހާބު ވަނީ ސަރުކާރާ ދެކޮޅު ޕާޓީއެއް ކަމަށާއި އޭގެ ސަބަބުން މާލެ ތަރައްގީ ކުރުމުގެ ބަދަލުގައި އޮންނަނީ ދެބައި މީހުން މައްސަލަތައް ކަމަށެވެ.
"މުސްކުޅިން ބުނާ ހެން ބޮޑު ދެގެރި ތަޅަންޔާ ކައްގަލަށް ބާރު ކުރާނެ. ކައްގަލަކީ މާލެ." އޭނާ ވިދާޅުވި އެވެ.
މާލެ ތަރައްގީ ކުރެވޭނީ ސަރުކާރުގެ އެއްބާރުލުމާ އެކު ކަމަށާއި ފައިސާ އާއި އެކަން ކުރެވޭނެ ވަސީލަތްތައް ހުރީ ވެސް ސަރުކާރުގައި ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ. އެހެންވެ ވަރަށް ބޮޑަށް ވިސްނާފައި މި ފަހަރު ސަރުކާރުގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓަށް ތާއީދު ކުރަން ނިންމެވި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން މޫސާ ޖަލީލަކީ މާލެ ބޭފުޅަކަށް ވެފައި ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނެވި އިރު ހިންގެވި ޕްރޮގްރާމްތައް އޭނާ ކުރިޔަށް ގެންދަވާނެ ކަމަށް އުންމީދު ކުރައްވާނެ ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.
މާލޭގެ ފުރަތަމަ މޭޔަރު ކަން އާދަމް މަނިކު އަދާ ކުރެއްވީ ފަސް ވަރަކަށް މަހެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ 2011 ވަނަ އަހަރު އެވެ.
އޭގެ ފަހުން އޭނާ ވަނީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދި 2020 ވަނަ އަހަރު ކައުންސިލް އިންތިހާބުގައި ވެސް ވާދަ ކުރައްވައިފަ އެވެ.