މިނިސްޓަރު ވިދާޅުވީ، ސަޕްލަޔަރުންނާއެކު އެއްބަސްވެފައިވާ ނޮމިނޭޝަނާއި ތާރީހުތަކާ އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމެންޓްތައްވެސް ވަނީ ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ސަޕްލައިގެ ވިއުގަތަކަށް އިންތިހާއަށް ދަތިތައް ކުރިމަތިވެފައިވިޔަސް، ތެލާއި ގޭހާއި އަދި ކާބޯތަކެތި އެއްވެސް ދައްޗެއް ނެތި ލިބޭނެކަމުގެ ޔަގީން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަނެއްކާވެސް ދެއްވައިފި އެވެ.
ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތެޔޮސަޕްލައި ކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ހާލަތުގެ އަސަރު ރާއްޖެއަށް ކުރާ މިންވަރު ވީހާވެސް ކުޑަކުރުމަށްޓަކައި، ސަރުކާރުން ގިނަ ފިޔަވަޅުތައް އަޅައި، އެސްޓީއޯއިން އެ ގެންދަނީ ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނޭ ގޮތުގެމަތީން ދަމަހައްޓަމުން ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި، އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، އަދި އޭގެ އިތުރަށް ދުރާލައި ސަޕްލަޔަރުންނާއެކު އެސްޓީއޯއިން އެއްބަސްވެފައިވާ "ނޮމިނޭޝަން" އެރޭންޖްމެންޓުގެ ދަށުންނެވެ.
މިގޮތުން މި ހަފުތާވެސް މިހާރު ވަނީ ތެލުގެ އާ ދެ ޝިޕްމެންޓެއް ރާއްޖެ ގެނެސްފައިކަން ސައީދު ފާހަގަކުރެއްވި އެވެ.
ސައީދު އެ އިޝާރާތް ކުރެއްވި ކުރިއަށް އޮތް ދެ ހަފްތާއަށް ބޭނުންވާ މިންވަރަށް އެސްޓީއޯއިން އިއްޔެ ގެނައި ތެޔޮ ޝިޕްމަންޓަށެވެ.
މިނިސްޓަރު ވިދާޅުވީ، ސަޕްލަޔަރުންނާއެކު އެއްބަސްވެފައިވާ ނޮމިނޭޝަނާއި ތާރީހުތަކާ އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމެންޓްތައްވެސް ވަނީ ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށެވެ.
"ވީމާ، މާތްﷲގެ ވާގިފުޅާއެކު، އެއްވެސް ދަތިކަމެއް ނެތި، ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރަައްޔިތުންނަށް ލިބެން ހުންނާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ،" އޭނާ ވިދާޅުވި އެވެ.