ތަފާތު ވިސްނުމަކުން ވިސްނައިގެން މައްސަލަތައް ހައްލު ކުރެވޭނެ މަގު ހޯދުމަށް މިނިސްޓަރުންނަށް ރައީސް އެންގެވި ކަމަށާއި އޭގެ ނަތީޖެއް ގޮތުން ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން އެ ކަންކަމަށް ހައްލުތަކެއް ލިބިގެން ދިޔަ ކަމަށް މުއްތަލިބް ވިދާޅުވި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިޔަށް ގެންދާ ހައުސިން މަޝްރޫއަކީ ދައުލަތް މާލީ ގޮތުން ވަރަށް ދަތި ދަނޑިވަޅެއްގައި ތަފާތު ވިސްނުމަކުން ވިސްނައިގެން ހޯދާފައިވާ ހައްލެއްގެ ނަތީޖާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ބިންގާ އެޅުމަށް މިރޭ ހުޅުމާލެ-2 ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ މި ސަރުކާރު ހަވާލުވި އިރު ރާއްޖެ އޮތީ މާލީ ގޮތުން ވަރަށް ގޯސް ހާލަތެއްގައި ކަމަށައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންފުޅުވާ ކަންކަން ކުރެވޭ ފަދަ ޖާގައެއް ބަޖެޓުގައި ނެތް ކަމަށެވެ.
އޭގެ އިތުރުން ބޭރު ގައުމުތަކާއި މާލީ އިދާރާތަކުން ލޯނު ލިބުން ވެސް އޮތީ ވަރަށް ދަތި ކަމަކަށް ވެފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންކަމުން ތަފާތު ވިސްނުމަކުން ވިސްނައިގެން މައްސަލަތައް ހައްލު ކުރެވޭނެ މަގު ހޯދުމަށް މިނިސްޓަރުންނަށް ރައީސް އެންގެވި ކަމަށާއި އޭގެ ނަތީޖެއް ގޮތުން ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން އެ ކަންކަމަށް ހައްލުތަކެއް ލިބިގެން ދިޔަ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
"މިއަދު ބިންގާ އެޅިގެން ދަނީ ވެސް އެފަދަ ތަފާތު ވިސްނުމަކުން އުފެދިގެން އައި ހައްލެއްގެ ތެރެއިން އުފަންވި މަޝްރޫއެއް." މުއްތަލިބް ވިދާޅުވި އެވެ.
ހުޅުމާލެ-2 ގައި 3260 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ ހެޔޮ އަގުގައި ބޯހިޔާވެހިކަމަށް ފައިނޭންސް ކުރަން ބޭންކުތަކަށް ލާޒިމްވާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވާއިދަށް ގެނައި އިސްލާހަކާއެކު ބީއެމްއެލް އިން އިސް ނަގައިގެން ފެށި މަސައްކަތެއްގެ ތެރެއިންނެވެ.
މުއްތަލިބް ވިދާޅުވީ އެ ބޭންކަކީ މީގެ ކުރިން ރާއްޖޭގައި ހިންގާ އެހެނިހެން ބޭންކުތަކާ އެއްފަދައިން ވީހާވެސް ގިނަ އާމްދަނީ ހޯދަން މަސައްކަތް ކުރަމުން އައި ކުންފުންޏެކެވެ. ނަމަވެސް މިހާރު އެއީ ޝެއާ ހޯލްޑަރުންނަށް ފައިދާ ހޯދައި ދިނުމުގެ އިތުރުން ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ކުރުމުގައި ސަރުކާރަށް އެންމެ ބޮޑު އެއްބާރުލުން ދޭ އެއް ބައިވެރިޔާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ކޯޑިނޭޓް ކުރުމުގެ ނަތީޖާ. މިއީ ދަތިކަން ކުރިމަތިވުމުން އިނޮވޭޓިވް ސޮލިއުޝަން ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ކާމިޔާބު." މުއްތަލިބް ވިދާޅުވި އެވެ.