ބީއެމްއެލް އިން ވަނީ ޗައިނާގެ ސީއެމްއީސީ ކުންފުންޏާ ހަވާލުކޮށްގެން މިރޭ މި މަޝްރޫއުގެ 1224 ފްލެޓް އަޅަން ފަށާފަ އެވެ.

ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން 2028 ގެ މެދުތެރެއަށް މާލެ ސަރަހައްދުގައި 3,260 ފްލެޓް އަޅާ ނިމޭނެ ކަމަށް ބީއެމްއެލްގެ ސީއީއޯ / އެމްޑީ އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިރޭ 1224 ފްލެޓް އެޅުމުގެ އަމަލީ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ އެމްޑީ ޝަރީފު ވިދާޅުވީ ބީއެމްއެލް އެފޯޑަބަލް ހައުސިން މެދުވެރިކޮށް، މި ސްކީމް އަމަލީގޮތުން ތަންފީޒުކުރަން ފެށި ފުރަތަމަ ބޭންކަށް ވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވި އެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް މި މަސައްކަތުގައި ހޯދާފައި މިނިސްޓްރީއާ ގުޅިގެން 2028 ވަނަ އަހަރުގެ މެދުތެރެއަށް މާލެ ސަރަހައްދުގައި 3,260 ހައުސިން ޔުނިޓް އަޅާ ނިމޭނެކަން ސީއީއޯ ފާހަގަ ކުރެއްވި އެވެ.
"މިއަދުގެ މި ބިންގާ އެޅުމަކީ އެ ބޮޑު ވައުދުގެ ތެރެއިން މުހިންމު ފިޔަވަޅެއް. ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން އާ ގުޅިގެން 1,224 ހައުސިން ޔުނިޓްގެ މަސައްކަތް މިއަދު މި ފަށަނީ. ސީއެމްއީސީ ގެ ތަޖުރިބާއާއި ދުނިޔޭގެ ފެންވަރުގައި އެ ކުންފުނިން ހޯދާފައިވާ ކާމިޔާބީތަކަށް އަޅުގަނޑުމެން އިތުބާރުކުރަން. އަދި ފެންވަރު ރަނގަޅުކޮށް، ކަނޑައެޅިފައިވާ މުއްދަތަށް މި މަޝްރޫއު ނިންމާލެވޭނެ ކަމަށް އުންމީދުކުރަން،" ޝަރީފު ވިދާޅުވި އެވެ.
ޝަރީފު އިތުރަށް ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ ހުރިހާ ދިވެހިންނަށް ރައްކާތެރި، އަމާން އަދި އަގުހެޔޮ ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަށް މި ސަރުކާރުން ގެންގުޅުއްވާ ސާފު އަދި ވަރުގަދަ ތަސައްވުރުގެ ހެއްކެއް ކަމަށެވެ. އެފޮތުން ރައީސް ޑރ، މުހައްމަދު މުއިއްޒުގެ ލީޑަރޝިޕްގެ ދަށުން ބޯހިޔާވަހިކަން ވަނީ ގައުމީ އެޖެންޑާގެ އެންމެ ކުރިއަށް ނެރެދީފައިވާ ކަމަށާ އެއީ ހަމައެކަނި އިގްތިސާދީ އިސްކަމެއްގެ އިތުރުން އިޖުތިމާއީ ހަމަޖެހުން ލިބޭނެ ކަމެއްގެ ގޮތުގައި ސީއީއޯ ފާހަގަ ކުރެއްވި އެވެ.

"މި މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ދެއްވަމުންދާ އެހީތެރިކަމާއި، ލުއިފަސޭހަތަކަށް އަޅުގަނޑުމެން ނުހަނު ޝުކުރުވެރިވަން. ހާއްސަކޮށް، ބިން ކުލީގެ ދަތިކަމެއް ނެތި [ކުލި ނުދައްކާ ގޮތަށް ބިނ ް] ހަމަޖައްސައިދިނުމަކީ ދުރުވިސްނޭ ނިންމުމެއް. މީގެ ސަބަބުން މަޝްރޫއުގެ ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވި، ދިވެހި އާއިލާތަކަށް ހަގީގީ މާނައިގައި އަގުހެޔޮ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދިޔަ. މިއީ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ސީދާ ފައިދާ ކުރާނެ ކަމުގެ ސާފު މިސާލެއް،" ޝަރީފު ވިދާޅުވި އެވެ،
ސަރުކާރުގެ މި މަޝްރޫއުގެ މޮޑެލްއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ސީއީއޯ ޝަރީފު ވިދާޅުވީ މި މަޝްރޫއުގެ ތެރެއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް "ލީސް-ޓޫ-އޯން" [ކުއްޔަށް ހިފައިގެން ގޮސް މިލްކުވާ] މޮޑެލް ތައާރަފްކުރެވިގެންދާކަން ފާހަގަ ކުރެއްވި އެވެ. އަދި މީގެ ސަބަބުން ކުރިން ދައްކަންޖެހޭ ބޮޑު ފައިސާގެ ބުރަ ކުޑަވެ، މަހުން މަހަށް ދައްކާ ފައިސާއިން އަމިއްލަ ގެދޮރު މިލްކުކުރުމުގެ ފުރުސަތު އާއިލާތަކަށް ލިބިގެންދާނެކަން ސީއީއޯ ފާހަގަ ކުރެއްވި އެވެ.