މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިސްރާއީލުގެ ނިއުކްލިއާ ޕްރޮގްރާމްގެ "ހިތް" ކަމަށް ބެލެވޭ ސަރަހައްދަށް ހަމަލާ އަމާޒުވުމަކީ މުޅި ސަރަހައްދީ ހަނގުރާމައަކަށް މިކަން ބަދަލުވެދާނެ ފަދަ ނުރައްކާތެރި ކަމެކެވެ.

އިސްރާއިލް- އެމެރިކާއިން އިސްވެ އީރާނަށް ހަމަލާ ދިނުމާ ގުޅިގެން އީރާނުން ދިން ވަރުގަދަ މިސައިލް ހަމަލާތަކެއް އިސްރާއީލުގެ އެންމެ ނުފޫޒުގަދަ އަދި ސިއްރުވެރި އެއް މަރުކަޒު ކަމަށްވާ ނަގަވް ސަރަހައްދުގައި ހުންނަ ނިއުކްލިއާ ފެސިލިޓީއާ ގާތަށް އަމާޒުވެއްޖެ އެވެ.
މި ހަމަލާތަކާ ގުޅޭގޮތުން ލިބިފައިވާ ރިޕޯޓްތައް ބުނާގޮތުން، އީރާނުން ފޮނުވާލި މިސައިލްތައް އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވާފައިވީ ނަމަވެސް، މިސައިލްތައް ވެއްޓިފައިވަނީ އެ ގައުމުގެ އެންމެ ވަރުގަދަ ސަލާމަތީ ފިޔަވަޅު އަޅާފައިވާ ނިއުކްލިއާ މަރުކަޒު ކަމަށްވާ ޝިމޯން ޕެރޭސް ނިއުކްލިއަ ރިސާޗް ސެންޓަރާ ވަރަށް ކައިރި ސަރަހައްދަކަށެވެ. މިއީ މިހާރު ހިނގަމުންދާ ހަނގުރާމައިގައި ކުރިމަތިވި އެންމެ ނުރައްކާތެރި އެއް ދަނޑިވަޅު ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިސްރާއީލުގެ ނިއުކްލިއާ ޕްރޮގްރާމްގެ "ހިތް" ކަމަށް ބެލެވޭ ސަރަހައްދަށް ހަމަލާ އަމާޒުވުމަކީ މުޅި ސަރަހައްދީ ހަނގުރާމައަކަށް މިކަން ބަދަލުވެދާނެ ފަދަ ނުރައްކާތެރި ކަމެކެވެ. މި ހަމަލާއާ ގުޅިގެން އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ ގައުމުގެ މުހިންމު ބިނާތަކުގެ ރައްކާތެރިކަން ވަރުގަދަކޮށް، އަސްކަރިއްޔާ ފުލް އެލާޓަށް ގެނެސްފަ އެވެ.
ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދިނުމަކީ ތިމާވެށީގެ ގޮތުންނާއި އިންސާނީ ގޮތުން ބޮޑު ކާރިސާއަކަށް މަގު ފަހިވެދާނެ ކަމެއް ކަމަށްވާތީ، ދުނިޔޭގެ ބޮޑެތި ބާރުތަކުން ދަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.