"އިރާދަކުރެއްވިއްޔާ އޭޕްރިލް މަހު އެއްކޮށް ނިމި، ސާވޭކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވި އެވެ.

މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު ނިންމާލައި، އެތަނުން ގޯތި ލިބުނު މީހުންނާ ޖޫން މަހު ބިން ހަވާލުކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގިރާވަރުފަޅުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ކުރީގެ 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށެވެ. ނަމަވެސް، ފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާއެކު ބައެއް ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމުގެ ފުރުސަތުވެސް ސަރުކާރުން ވަނީ ހުޅުވައިލި އެވެ. މިތަނުން 1,250 އަކަފޫޓުން ފެށިގެން 4,000 އަކަފޫޓާ ދެމެދުގެ ގޯތިދޭނެ އެވެ.
ރައީސް މިއަދު ވަނީ އެތަން ހިއްކުމުގެ މަޝްރޫއު މިހާރު ކުރިއަށް ގޮސްފައި ހިސާބު ހާމަކުރައްވައި ފޮޓޯއެއް ހިއްސާ ކުރައްވާފަ އެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ކޮންމެ ދުވަހަކުވެސް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އޭޕްރިލް މަހު އެއްކޮށް ނިމި، ސާވޭކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވި އެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް ދެ ޑްރެޖަރު ދަނީ ބޭނުން ކުރަމުންނެވެ. އެއީ ކުއީން އޮފް ނެދަލޭންޑްސް އާއި އޮރޭންޖް ޑްރެޖަރެވެ.
މިގޮތުން ކުއީން އޮފް ނެދެލޭންޑްސްއަކީ 35,500 ކިއުބިކް މީޓަރުގެ ވެލި އުފުލުމުގެ ގާބިލުކަން ހުރި ބިޔަ ޑްރެޖަރެކެވެ. އޮރޭންޖްއަކީ 22,000 ކިއުބިކް މީޓަރުގެ ހޮޕަރ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ.