މިއީ ރާއްޖޭގެ އުފެއްދުމެއް އދ.ގައި ބެހެއްޓި ފުރަތަމަ ފަހަރުކަމަށް މިނިސްޓްރީން ބުންޏެވެ.

އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ރާއްޖޭގެ ތުނޑު ކުނަލެއް ބަހައްޓައިފި އެވެ.
މި ތުނޑު ކުނަލަކީ ރާއްޖޭން އދ.ގެ މައި މަރުކަޒަށް ހަދިޔާ ކުރި ހަނދާނީ ހަދިޔާ އެއްކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ތުނޑު ކުނަލެއް އދ.ގެ މައި މަރުކަޒުގައި ބެހެއްޓުމަށް ނިންމީ، ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އދ.ގެ އާންމު މަޖިލީހުގެ ޖަލްސާ އަށް ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގަ އެވެ.

އދ.ގެ މައި މަރުކަޒުގައި ބަހައްޓާ ތުނޑުކުނާ، މިއަދު އދ.ގެ މައި މަރުކަޒުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްދެއްވީ ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އެވެ.
މިއީ ރާއްޖޭގެ އުފެއްދުމެއް އދ.ގައި ބެހެއްޓި ފުރަތަމަ ފަހަރުކަމަށް މިނިސްޓްރީން ބުންޏެވެ.
މި ތުނޑުކުނަލަކީ ރާއްޖެގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ރާއްޖެ، އދ.ގެ މެންބަރަކަށް ވީތާ 60 އަހަރު ފުރުމުގެ ހަނދާނުގައި އދ ގެ މައި މަރުކަޒުގައި ދިވެހި ފަންނު ވެރިކަން ދައްކާލުމަށް ތައްޔާރު ކުރެވުނު ކުނަލެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، އދ.ގައި ބެހެއްޓުނު ތުނޑު ކުނާ ފަރުމާ ކޮށް ވިޔުނީ، ތުނޑު ކުނާ ވިޔުމަށް ރާއްޖޭގެ އެންމެ މަޝްހޫރު، ގދ. ގައްދޫގެ ބޭފުޅެއް ކަމަށެވެ.