އީދުގެ އުފަލުގައި ރައީސް އެދިވަޑައިގަތީ މުސްލިމުންނަށް ބާރުވެރިކަމާއި ގަދަރުވެރިކަމާއި ހައިބަތަށް

އީދުގެ އުފާ ބައްދަލުކުރާ މި ދަނޑިވަޅުގައި، މުސްލިމުންނަށް ބާރުވެރިކަމާއި ގަދަރުވެރިކަމާއި ހައިބަތަށް އެދިވަޑައިގަންނަވާކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ފިޠުރު އީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި، ރައީސް ވިދާޅުވީ ފިތުރު އީދު މި އަހަރު މި ބައްދަލުކުރަނީ، އިސްލާމީ އުންމަތް ނުތަނަވަސްކަމެއްގެ ތެރޭގައިވާ ދަނޑިވަޅެއްގައިކަމަށެވެ.

މިގޮތުން، ފަލަސްތީނާއި، މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމުން ތަހައްމަލުކުރަމުންދާ ހުރިހައި ވޭނެއްގައި ދިވެހީން ބައިވެރިވާކަން އެ މަނިކުފާނު ވަނީ ހާމަކުރައްވާފަ އެވެ. އަދި އެ ލޮބުވެތި އަހުންނާއި އުހުތުންނަށް އަމާންކަމާއި ރައްކާތެރިކަމަށް އެދިވަޑައިގަންނަވާކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

އީދުގެ އުފަލަކީ ރައީސް ވިދާޅުވި ގޮތުގައި، މާތް ﷲއަށް ހަމްދުކޮށް، އެކަލާނގެ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވެ، އެކަކު އަނެކަކުގެ މައްޗަށް ހިތްހެޔޮކޮށް، ފަރުދީ ގޮތުންނާއި ޖަމައީ ގޮތުން ހިތްތަކަށް ހަމަޖެހުން ހޯދައި މުޖުތަމައުގައި އީމާންކަމާއި ލޮބުވެތިކަން އާލާކުރުމެވެ. 

އަދި، އީދުގެ އުފަލުގައި ކަންކަން އިންތިޒާމުކޮށް ރާވާ އިރު، އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުން މުހިންމުކަންވެސް އެ މަނިކުފާނު ހަނދާންކޮށްދެއްވި އެވެ.

މީގެ އިތުރުން، ނިމުނު ރަމަޟާން މަދަރުސާގެ ފިލާވަޅުތައް ހަނދާންކޮށް، ރަނގަޅު ބަސްބުނެ، ރަނގަޅު އަމަލުތައްކޮށް، ކެތްތެރިކަން އިސްކޮށް، އެއްބައިވަންތަކަމުގައި ދެމިތިބުމަށް އެ މަނިކުފާނު ހިތްވަރުދެއްވި އެވެ. އަދި ހަ ރޯދައިގެ ދުވަސްތައް މެދުވެރިކޮށް، ހެޔޮ އަމަލުތަކުގެ މަތީގައި ދެމިތިބެން އިސްލާމްދީން ގޮވާލާ ނިޒާމަށް އިޝާރާތްކުރައްވައި، އަޅުކަމާއި އަޅުވެރިކަން މަތީ ދެމިތިބުމަށް ރައީސް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

އެ މަނިކުފާނުގެ ހިތާބު ނިންމަވާލައްވާފައިވަނީ، އިސްލާމީ އުންމަތަށް ނަސްރާއި ރައްކާތެރިކަން ދެއްވައި، ދިވެހި ގައުމަށް ހެވާއި ލާބަ މިންވަރުކުރައްވައި، ކުރިއަށް އޮތް އަހަރަކީ ބާއްޖަވެރި، އަމާން، ތިޔާގި އަހަރެއްކަމުގައި ލެއްވުމަށް އެދިވަޑައިގެން ދުއާކުރައްވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.