
އިންތިހާބާ ބެހޭ މަރުކަޒާއި ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ރޭގަ ހިނގުމާ ގުޅިގެން، އެ މަރުކަޒު މަސައްކަތްތައް ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށް، ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސޮއިކުރުމަށް އިތުރު އެއް ދުވަހުގެ މުއްދަތެއް ދީފި އެވެ.
އީސީން ބުނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިހާބާބެހޭ މަރުކަޒުގެ މަސައްކަތްތައް ސޯޝަލް ސެންޓަރަށް ބަދަލުކޮށް، ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ހެނދުނު 10:00 ގައި އަލުން ފަށާފައިވާ ކަމަށެވެ.
އަދި ރޭގަ ހިނގާ ދިޔަ ހާދިސާ އާއި ގުޅިގެން ލިސްޓުގައި ސޮއި ކުރުމަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 01:00 ގެ ނިޔަލަށް ސޯޝަލް ސެންޓަރުގައި ސޮއިކުރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އީސީން ބުންޏެވެ.
މި މަސައްކަތަށް އެއްދުވަސް އިތުރު ކުރިޔަސް، މި ރަޖިސްޓަރީގައި ސޮއިކުރުމުގެ މަސައްކަތް ކުރިއެކޭ އެއްގޮތަށް، މިއަދު ހެނދުނު 10:00 ހަވީރު 3:00 އަށް، އަދި ރޭގަނޑު 9:30 އިން 12:00 އަށް ސޯޝަލް ސެންޓަރުގައި ކުރިއަށްދާނެ ކަމަށް ބުންޏެވެ.
އަދި އިންތިހާބާ ބެހޭ މަރުކަޒު ހުރި ސަރަޙައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް އިންތިހާބުގެ ތާވަލްގައި ވާ ގޮތަށް ހުރިހާ މަސައްކަތްތަކެއްވެސް ހުއްޓުމެއް ނެތި ކުރިއަށްދާކަމުގެ ޔަގީންކަން ވެސް އީސީން ވަނީ ދީފަ އެވެ.