އެ ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާއިރު، އިންތިހާބާ މަރުކަޒަށް އަލުން ވަނުމުގެ ހުއްދަ ލިބެންދެން، އެތަނުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ސޯޝަލް ސެންޓަރުގައި ކަމަށް ވެސް ޒާހިދު ވިދާޅުވި އެވެ.

މާލޭ މާފަންނުގެ ތޮއިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެތަނާ އިންވެގެން ހުރި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިންތިހާބާ ބެހޭ މަރުކަޒު ހުސްކުރަންޖެހިފައިވިޔަސް، އަންނަ މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަށް ބުރޫނާރާނެކަމުގެ ޔަގީންކަން އެ ކޮމިޝަނުން ދީފި އެވެ.
ރޭ އަލިފާން ރޯވެފައި ވަނީ މާފަންނު ފުލޫނިޔާމަގުގައި ހުންނަ ޕްރައިމް ފާޓިލައިޒާގެ ގުދަނެއްގަ އެވެ.
އެ ހާދިސާ ހިނގުމާއެކު އީސީން ވަނީ އިންތިހާބާ މަރުކަޒުގައި ހުރި ލިޔެކިޔުންތަކާއި ސާމާނު އެތަނުން ނެރެފަ އެވެ.
އީސީގެ ރައީސް މުހައްމަދު ޒާހިދު މީޑިއާތަކަށް ވިދާޅުވީ އިންތިހާބަށް އެ ކޮމިޝަނުން ވަމުން އަންނަ ތައްޔާރީތަކަށް މި އަލިފާނުގެ ހާދިސާގެ ސަބަބުން އެއްވެސް ބުރޫއެއް ނާރާނެ ކަމަށެވެ.
އެގޮތުން، އިންތިހާބަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއި ސާމާނު ނެރެވިފައިވާ ކަމަށް ޒާހިދު ވިދާޅުވި އެވެ.
"އެހެންވެ، އިންތިހާބުގެ އެއްވެސް ކަމަކަށް އެއްވެސް ބުރޫއެއް ނާރައި، އިރާދަކުރެއްވިއްޔާ ހަމަ ރޭވިފައި އޮތް ގޮތަށް އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އިންތިހާބު ކުރިއަށް ގެންދާނަން،" އޭނާ ވިދާޅުވި އެވެ.
އެ ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާއިރު، އިންތިހާބާ މަރުކަޒަށް އަލުން ވަނުމުގެ ހުއްދަ ލިބެންދެން، އެތަނުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ސޯޝަލް ސެންޓަރުގައި ކަމަށް ވެސް ޒާހިދު ވިދާޅުވި އެވެ.
އަލިފާން ނިއްވާލިއިރު، އެ ގުދަން ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފަ އެވެ.