އީސީން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އިންތިހާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް، އިންތިހާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

މާލޭ މާފަންނުގެ ތޮއިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެފައިވާތީ، އެތަނާ އިންވެގެން ހުރި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިންތިހާބާ ބެހޭ މަރުކަޒު ހުސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފި އެވެ.
މިރޭ އަލިފާން ރޯވެފައި ވަނީ މާފަންނު ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގަ އެވެ. އެއީ ޕްރައިމް ފާޓިލައިޒާގެ ގުދަނެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ގަސްކާނާގެ ބާވަތްތަކަކީ އާންމު ގޮތެއްގައި ފަސޭހައިން ހުޅު ހިފައި، ގޮވާ ޒާތުގެ މާއްދާތައް އެކުލެވޭ ބާވަތްތަކެކެވެ.
އީސީން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އިންތިހާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް، އިންތިހާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
"އަދި މިހާރު އިންތިހާބާބެހޭ މަރުކަޒުގައި ހުރި ތަކެތި ހުސް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ވާހަކަވެސް ދަންނަވަން،" އީސީން ބުންޏެވެ.
އީސީން އިތުރަށް ބުނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން، މި ވަގުތަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށެވެ.
އަދި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ތާރީހެއް ފަހުން އަންގާނެ ކަމަށް ވެސް އީސީން ބުންޏެވެ.
ފުލުހުން ބުނީ އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން މިހާރު އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލްވެފައެއް ނުވެ އެވެ.
މިއަދު ހެނދުނުވެސް ވަނީ ގުދަނެއްގައި ރޯވެފައެވެ. އެއީ ގަލޮޅު ސަހަރާ ކައިރީ ހުރި ގުދަނެކެވެ. އެތަން ވަނީ އަނދާ އަޅިއަށް ވެފަ އެވެ.