ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ބަދަލު ގެނެސްފައި ވަނީ މަގުމަތީގައި ދުއްވާ އާދައިގެ އުޅަނދުތަކާއި އީވީ ވެހިކަލްތައް ފަސޭހައިން ވަކިކުރަން އެނގޭނެ ގޮތް ހެދުމަށް ކަމަށެވެ.

އިލެކްޓްރޯނިކް ވެހިކަލްތައް (އީވީ އުޅަނދު)ގެ ނަންބަރު ބޯޑު ފެހިކުލައަށް ބަދަލުކުރަން 60 ދުވަހުގެ މުއްދަތެއް ޓްރާންސްޕޯޓް މިނިސްޓްރީން ދީފި އެވެ.
އިލެކްޓްރޯނިކް ވެހިކަލްއަކީ ބެޓެރީގެ ހަކަތަ ބޭނުންކޮށްގެން ނުވަތަ އިލެކްޓްރިކް މޯޓަރެއް ބޭނުންކޮށް ދުއްވާ އުޅަނދުތަކެވެ.
'އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް' އިއްޔެ ގެނައި އިސްލާހާއެކު، އާ ނަންބަރު ބޯޑެއް މިފަދަ އުޅަނދުތަކުގައި ހަރުކުރަން ވަނީ ބަޔާންކޮށްފަ އެވެ.
އެ އިސްލާހުގައި ވަނީ ވިޔަފާރި އުސޫލުން ބޭނުންކުރާ އިލެކްޓްރިކް އުޅަނދުތަކުގައި ބޭނުންކުރާ ނަންބަރު ބޯޑު ހުންނަންވާނީ ފެހިކުލައިގެ ބޯޑެއްގައި، ރީނދޫކުލައިގެ އަކުރުން ލިޔެފައި ކަމަށެވެ.
އަދި އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ އިލެކްޓްރިކް އުޅަނދުތަކުގައި ނަންބަރު ބޯޑު ހުންނަންވާނީ ފެހިކުލައިގެ ބޯޑެއްގައި، ހުދުކުލައިގެ އަކުރުން ލިޔެފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ބަދަލު ގެނެސްފައި ވަނީ މަގުމަތީގައި ދުއްވާ އާދައިގެ އުޅަނދުތަކާއި އީވީ ވެހިކަލްތައް ފަސޭހައިން ވަކިކުރަން އެނގޭނެ ގޮތް ހެދުމަށް ކަމަށެވެ. އެހެންކަމުން އެގޮތަށް ބަދަލުކުރުމަށް 60 ދުވަހުގެ މުއްދަތެއް މިނިސްޓްރީން ވަނީ ދީފަ އެވެ.