ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ޕީއެންސީ އާއި އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީން ވެސް ވަނީ ތާއީދު ކޮށްފަ އެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން އަންނަނީ އެކަމާ ދެކޮޅަށް ކެމްޕެއިން ކުރަމުންނެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ތާއީދު ކުރަން އަދާލަތު ޕާޓީން ނިންމައިފި އެވެ.
އަދާލަތު ޕާޓީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ނިންމުން ނިންމީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށެވެ. އެއީ ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ރިއާޔަތް ކޮށްގެން ނިންމި ނިންމުމެއް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ޕީއެންސީ އާއި އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީން ވެސް ވަނީ ތާއީދު ކޮށްފަ އެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން އަންނަނީ އެކަމާ ދެކޮޅަށް ކެމްޕެއިން ކުރަމުންނެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ޕީއެންސީން ތާއީދު ކުރަނީ މައިގަނޑު ދެ ސަބަބަކާ ގުޅިގެންނެވެ. އެއީ ދެ އިންތިހާބު ބާއްވަން ދާ ހަރަދު ކުޑަ ކުރުމާއި ސިޔާސީ ހަމަޖެހުން ގެންނަން ކަމަށް އެ ޕާޓީން ބުނެ އެވެ.
ނަމަވެސް އެމްޑީޕީން ބުނާ ގޮތުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައްޔިތުންގެ ކައިރިން ހިޔާލު ހޯދަން ދާ ފުރުސަތު މަދު ކުރުމެވެ. އަދި އެއީ ޑިމޮކްރަސީ އާ ހިލާފު އަދި ރައްޔިތުންގެ ބާރު ކެނޑޭ ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ ބާރުތައް އެއްވާނެ ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު އޮތީ އަންނަ މަހު 4 ގަ އެވެ.
އެ ވޯޓުގައި އަހާނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށާއި މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ފާސް ކޮށްފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވަން ފެނޭތޯ އެވެ.
ނަމަވެސް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން އާއި ގާނޫނީ ވަކީލުންގެ ޓީމަކުން ވަނީ ހިޔާލު ހޯދުމުގެ ވޯޓަކީ ގާނޫނުއަސާސީއާ ހިލާފު ވޯޓެއް ކަމަށް ކަނޑައަޅައިދިނުމަށާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލު ކޮށްދިނުމަށް އެދި ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.