"މިކަން މި ނޫން ގޮތަކަށް މާނަކުރުމަކީ ގާނޫނީ އަދި ދުސްތޫރީ އުސޫލުތަކާ ތައާރަޒްވާނެ ކަމެކެވެ،" އެ ބަޔާނުގައި ބުންޏެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ގާނޫނީ އެއްވެސް މައްސަލައެއް ނެތް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.
ރައީސް ނެރުއްވި ގަރާރުގައިވާ ގޮތުން ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓު ބާއްވާނީ ލޯކަލް ކައުންސިލް އިންތިހާބާ އެކީ އޭޕްރިލް 4 ގަ އެވެ.
އެ ގަރާރުގައިވާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުގައި ކުރާނެ ސުވާލަކީ:
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"
ނަމަވެސް، އެ ގަރާރުގައި ރައްޔިތުންގެ ގާތުން އަހަން ހިމަނާފައިވާ ސުވާލު ގާނޫނުއަސާސީ އާ ހިލާފުކަމަށް ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ވެސް ދަނީ ވިދާޅުވަމުންނެވެ.
މިގޮތުން، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ގަރާރުގައި ހިނގަމުންދާ މަޖިލީހުގެ އުމުރު ކުރުކުރުމަށް ރައްޔިތުން ރުހޭތޯ ނުވަތަ ނޫންތޯ ސުވާލުކޮށްފައި ނެތް ކަމަށް ވިދާޅުވެފަ އެވެ.
"މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް މިހާރު ފަރުމާކޮށްފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ތެރެއިން ފަރުމާކުރެވިފައިވާ ސުވާލެއް ނޫން،" ސުއޫދު އެކްސްގައި ވިދާޅުވެފައިވެ އެވެ.
އެކަމާ ގުޅުވައި، އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނުއަސާސީއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ބިލު ތަސްދީގުކުރުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނާ އެއްގޮތަށް އޮތް ސުވާލެއް ކަމާއި، ރައްޔިތުންނަށް ހުށަހެޅިފައިވާ ސުވާލަކީ ގާނޫނުއަސާސީއަށް ގެނެވޭ 8 ވަނަ އިސްލާހުން ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އިސްލާހުކޮށް ތައާރަފުކުރާ އުސޫލަށް އަމަލުކުރަން ފެންނަކަން ނުވަތަ ނޫންކަން ވަޒަންކުރެވޭ ސުވާލަކަށްވުމުން، ގާނޫނުއަސާސީން މިކަމާގުޅިގެން ތަސައްވުރުކުރާ ޝަރުތު ފުރިހަމަވީކަމަށް ބެލެވޭނެ ކަމަށެވެ.
"މިކަން މި ނޫން ގޮތަކަށް މާނަކުރުމަކީ ގާނޫނީ އަދި ދުސްތޫރީ އުސޫލުތަކާ ތައާރަޒްވާނެ ކަމެކެވެ،" އެ ބަޔާނުގައި ބުންޏެވެ.
އަދި ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅިގެން ސަރުކާރުން މިހާތަނަށްވެސް އަމަލުކޮށްފައިވާނީ، ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް އޭޖީން ބުންޏެވެ.