މިފްކޯ އިން މިއަދު ބުނީ އެސްޓީއޯ އިން އެ ނިންމުން މުރާޖައާ ކޮށްފައިވާތީ ސަރުކާރުން މަސްވެރިންނަށް ދީފައިވާ ސަބްސިޑީ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭ ވެސް އެއްގޮތަށް ހަމަޖައްސާފައިވާ

މިފްކޯ އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިއެކޭ ވެސް އެއްގޮތަށް ދަމަހައްޓަން އެ ކުންފުނިން ނިންމައިފި އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާ ގުޅިގެން އެސްޓީއޯ އިން ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެކަމާ ގުޅިގެން މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި ބޯޓުފަހަރުން ވިއްކާ ޑީސަލުގެ އަގަށް އައި ބަދަލުތައް އެ ކުންފުނިން ވަނީ އިއުލާން ކޮށްފަ އެވެ.
ނަމަވެސް މިފްކޯ އިން މިއަދު ބުނީ އެސްޓީއޯ އިން އެ ނިންމުން މުރާޖައާ ކޮށްފައިވާތީ ސަރުކާރުން މަސްވެރިންނަށް ދީފައިވާ ސަބްސިޑީ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭ ވެސް އެއްގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މި ބަދަލާއެކު މި މަހު 5 ގައި އެ ކުންފުނިން އިއުލާން ކުރި އަގުތައް ދެމި އޮންނާނެ ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.
އެގޮތުން މިފްކޯ އަށް މަސްކިރާ އުޅަނދުފަހަރަށް 16.54 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެ ކަމަށާއި ތިން ޓަނަށްވުރެ އިތުރަށް ކިރާނަމަ، 16.04 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެ ކަމަށް މިފްކޯ އިން ބުންޏެވެ.
މީގެ އިތުރަށް ކުރިއެކޭވެސް އެއްގޮތަށް މިފްކޯއިން ޑީސަލް ގަންނަ އާންމު ފަރާތްތަކަށް ވިއްކަމުންދާނީ ލީޓަރެއް 17.54 ރުފިޔާގެ މަގުން ކަމަށް އެ ކުންފުނިން ބުންޏެވެ.