މަސްވެރިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ "ފަހިހަކަތަ" ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އެވެ.

އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ކުރިން ވެސް ކަނޑައަޅާފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގަށް އެސްޓީއޯއިން ގެނައި ބަދަލާ ގުޅިގެން އާއްމުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެސްޓީއޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން މަސްވެރިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ "ފަހިހަކަތަ" ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭ ވެސް އެއްގޮތަށް މިހާރު ވެސް އޮންނާނެ އެވެ.
އެ ކުންފުނިން ބުނީ މާލެ ސަރަހައްދުގައި ހުންނަ އެފްއެސްއެމްގެ ފިއުލް ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް ބަދަލެއް ގެނެސްފައެއް ނުވާނެ ކަމަށެވެ. އަދި އަތޮޅުތެރޭގައި އެސްޓީއޯ އިން ތެޔޮ ގަނެގެން ޝެޑްތައް ހިންގާ ފަރާތްތަކަށް ވެސް ކުރީގެ އަގުތަކުގައި ތެޔޮ ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައިވާނެ އެވެ.
މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގައި ތެލުގެ އަގު ދަނީ ހަލުވިކަމާއެކު އުފުލެމުންނެވެ. އެސްޓީއޯއިން އެންމެފަހުން ތެލުގެ އަގަށް ގެނައި ބަދަލާއެކު މާލެ ސަރަހައްދުގައި ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.01ރ. އަށް އަދި ޑީސަލް ލީޓަރެއް 17.54ރ. އަށެވެ.