މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓަށް އެއް ފަހަރާ ބަނދަރުކުރެވޭ މެރީނާއެއް ތަރައްގީކުރެވޭނެ އެވެ.

ޒަމާނީ ޔޮޓް މެރީނާއެއް ހއ.އުލިގަމުގައި ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ސަސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑްއާ ހަވާލުކޮށް، އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކުޓިވް އޮފިސަރު އަލީ ހާޝިމެވެ. ސަސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަވާދެވެ.
ސާސޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓަށް އެއް ފަހަރާ ބަނދަރުކުރެވޭ މެރީނާއެއް ތަރައްގީކުރެވޭނެ އެވެ.
މި މެރީނާއިން ޔޮޓް ފަހަރަށް ބޭނުންވާ މައިގަނޑު ޚިދުމަތްތައް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން އިމިގްރޭޝަނާއި ކަސްޓަމްސްގެ ޚިދުމަތްވެސް މި މެރީނާއިން އިން ފޯރުކޮށްދޭނެ އެވެ. އެމްޕީއެލް އިން ދަނީ ޔޮޓް މެރީނާ އޮޕަރޭޓްކޮށް، އިތުރަށް ތަރައްގީކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.
އުލިގަމަކީ ރާއްޖޭން ބޭރުން އަންނަ ޔޮޓުތައް އާންމުކޮށް ބަނދަރުކުރާ މަންޒިލެކެވެ. އުލިގަމަށް ޚާއްސަ އިޤްތިސާދީ މަސައްކަތެއްގެ ގޮތުގައި، ޔޮޓް މެރީނާއެއް ތަރައްޤީކޮށް މި ޚިދުމަތް ފުޅާކޮށް، އިޤްތިސާދީ ނަފާ ހޯދުމަކީ އަދުގެ ސަރުކާރުގެ އަމާޒެކެވެ.