ޖަނަވާރުންނަށް އަނިޔާ ކުރާ މީހުން ޖަލަށްލުންފަދަ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމުން އިންޒާރު

"އެހެންކަމުން، ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ، އަނިޔާކޮށް މަރާ ނުވަތަ ނުބަލައި ދޫކޮށްލާ ފަރާތްތަކާމެދު، މި ގާނޫނުގެ ދަށުން ޖޫރިމަނާކުރުމާއި ޖަލަށްލުން ފަދަ ހަރުކަށި ގާނޫނީ ފިޔަވަޅުތައް އެޅޭނެ ވާހަކަ ދަންނަވަން،" މިނިސްޓްރީގެ ބަޔާނުގައިވެ

މާލޭގައި އުޅޭ ބުޅާތަކަަކަށް މީހަކު ކާން ދެނީ: ޖަނަވާރުންނަށް އަނިޔާކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފައި --

ޖަނަވާރުންނަށް އިހާނެތިކޮށް ހިތައި، އަނިޔާކޮށް މަރާ މީހުން ޖޫރިމަނާ ކުރުމާއި ޖަލަށްލުން ފަދަ ހަރުކަށި ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ދީފި އެވެ.

މިނިސްޓްރީން އެކަމާ ގުޅިގެން ބަޔާނެއް ނެރެފައި މިވަނީ، ހއ. ހޯރަފުށީގައި ބުޅަލެއް ދަންޖައްސައި މަރައިލި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. އެ ބުޅާ ދަންޖައްސައި، ދަމާފައި ގެންދާ މަންޒަރުތައް ފެންނަ ވީޑިއޯތަކެއް އާންމުވެފައިވާއިރު، ފުލުހުން ވެސް ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތައި، ހާނިއްކަކުރުމާއި މަރާލުމުގެ އިތުރުން، އެތަކެއްޗަށް އަޅާނުލައި ދޫކޮށްލާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އަދި މިކަންކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫންކަން އެ މިނިސްޓްރީން ބުންޏެވެ.

ޖަނަވާރުންނަކީ ވޭނާއި، ބިރާއި، ތުރާ އިހުސާސްކުރެވޭ ފުރާނަ ހުރި މަހުލޫގުންނަށްވާއިރު، އެ ތަކައެޗަށް އޯގާތެރިކޮށް ހިތުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީ ގޮތުންނާއި ގާނޫނީ ގޮތުންވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއްކަން މިނިސްޓްރީން ވަނީ ހަނދާން ކޮށްދީފަ އެވެ.

އަދި ދާދިފަހުން ތަސްދީގު ކުރި "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނު" ގެ ދަށުން، ޖަނަވާރުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް ވެސް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފަ އެވެ. އެއީ؛

  •  ހައިހޫނުކަމާއި، ކަރު ހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން
  •  ބިރު ގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން
  •  ޖިސްމާނީ ގޮތުން އަރާމު ނުލިބުމުން މިންޖުވުމުގެ މިނިވަންކަން
  •  ވޭނާއި، ހާނީއްކައާއި، ބަލިން މިންޖުވުމުގެ މިނިވަންކަން
  •  އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން

"އެހެންކަމުން، ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ، އަނިޔާކޮށް މަރާ ނުވަތަ ނުބަލައި ދޫކޮށްލާ ފަރާތްތަކާމެދު، މި ގާނޫނުގެ ދަށުން ޖޫރިމަނާކުރުމާއި ޖަލަށްލުން ފަދަ ހަރުކަށި ގާނޫނީ ފިޔަވަޅުތައް އެޅޭނެ ވާހަކަ ދަންނަވަން،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މީގެއިތުރުން، "ޖަނަވާރުންނަށް އިހާނެތިކޮށް ހިތުމާއި އާންމު ތަންތަނަށް ޖަނަވާރު ދޫކޮށްލުން" މާއްދާގެ ދަށުން ހާއްސަ ކަންތައްތަކެއް ބަޔާންކޮށްފައިވާކަން ވެސް މިނިސްޓްރީން ބުނެފައިވެ އެވެ. އެއީ؛

  •  ޖަނަވާރުންނަށް އިންސާނިއްޔަތުކަމެއް ނެތް އެއްވެސް ބާވަތެއްގެ އިހާނެތި އަމަލެއް ހިންގުމަކީ ނުވަތަ އެފަދަ އެއްޗަކަށް ގޯސްކޮށް ހިތުމަކީ މަނާ ކަމެއް - އެފަދަ އަމަލެއް ކޮށްފިނަމަ 5,000ރ. އާއި 50,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ
  •  ގޭގޭގައި ގެންގުޅޭ ޖަނަވާރުތައް، އެއްވެސް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލުމަކީ މަނާކަމެއް - 5,000ރ. އާ 10,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ

މިނިސްޓްރީން އިތުރަށް ބުނީ ޖަނަވާރުންނަށް ރަހުމުކޮށް، އޯގާތެރިކަމާއި، އަޅާލުމާއި، އިންސާނިއްޔާތުކަމާއެކީ އަމަލު ކުރުމަކީ އިސްލާމް ދީނުގައި ބާރު އަޅާކަމެއް ކަމަށެވެ. އިސްލާމްދީނުގައި ހުރިހާ ދިރޭ ތަކެއްޗަށް ރަހުމްކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.