ރާއްޖޭގެ ތެލުގެ ޝެޑިއުލްތައް ރޭވިފަ | ދަތިކަމެއް އައުމުގެ ފުރުސަތު މި ވަގުތު ނެތް

އޮމާން އިން ތެޔޮ ބަރުކޮށްގެން ދެ އުޅަނދެއް މިވަގުތުވެސް ރާއްޖެއަށް ދަނީ ދަތުރު ކުރަމުންނެވެ. މި އުޅަނދުތައް ދަުތުރު ކުރަނީ ހޮރުމޫޒް ހުރަސްކޮށެވެ. ތަޖުރިބާކާރުން ބުރަވަނީ މިވަގުތު އެއްވެސް ދަތިކަމެއް ނެތި ތެޔޮ ލިބޭނެ ކަމަށެވެ.

މިވަގުތު އަރަބި ކަނޑުގައި އޮތް ރާއްޖޭގެ ދެ ތެޔޮ އުޅަނދު

ދުނިޔެ ތެރެއަށް ތެޔޮ ފޭދިގެންދާ އެންމެ ބޮޑު މަގުކަމަށްވާ ހުރުމޫޒް ކަނޑުއޮތީ ބަންދު ކުރުމާއެކު ދުނިޔެ ދަނީ މިދިޔަ 30 އަހަރު ތާރީހުގައި ކުރިމަތިވި ހަކަތައިގެ އެންމެ ބޮޑު ދަތު ތަހައްމަލް ކުރަމުންނެވެ. ރާއްޖެ އޮތް ދެކުނު އޭޝިއާ އަށް ބަލާއިރު ހުރިހާ ގައުމުތަކެއްގައި ވެސް ހަކަތައިގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ. އެންމެ ބޮޑު އިންޑިއާ އާއި ޕާކިސްތާނު ވެސް މި ދަތިކަމުގައި އޮތްއިރު ކައިރިން ސްރީލަންކާ އިން ވަނީ ތެލުގެ ހޭދަ ކުޑަކަން ފިޔަވަޅު އަޅަައި "އެސްޓީއޯ ރޭޓުން" ތެޔޮ ވިއްކަން ފަށާފަ އެވެ. ރާއްޖެ ވަށައިގެން ހަކަތައިގެ ދަތިކަމުގެ ހާސްކަން އޮތްއިރު ރާއްޖޭން މިކަމުގައި އޮތީ ފަރުވާތެރި ވެގެން އެ ހާލަތަށް ދިޔަނުދޭން ފިޔަވަޅުތައް އަޅައިގެންނެވެ. 

މި ހާލަތު ކުރިމަތިވުމާއެކު ރާއްޖެ ތެލަށް ޖެހިދާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ތަޖުރިބާކާރުން މިކަމުގައި ބުރަވަނީ މުޅިން އެހެން ފަލްސަފާ އަކަށެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި ރާއްޖެއަށް މިހާރުގެ ހާލަތު އޮތް ގޮތުން އެ ފުރުސަތު ވަރަށް ކުޑަ އެވެ. 

ރާއްޖެ އަށް އެންމެ ގިނައިން މުދާ ގެންނަ ކޮންޓެއިނާ ޝިޕްތަކުގެ އެޖެންޓްކަންކުރާ ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް ކުންފުނީގެ ޗެއާމަން ކެޕްޓަން އަބްދުﷲ މައުމޫން (ކެޕްޓަން މާނު) ވިދާޅުވީ މިހާރު ތެޔޮ ގެންނަ މަގުން ބަލާނަމަ ތެލުގެ ދަތިކަމެއް އައުމުގެ ފުރުސަތެއް މިވަގުތު ކުޑަ އެވެ.

"އަޅުގަނޑަށް ހީވަނީ އެ ބޭފުޅުން [އީރާނު] ން ރާއްޖޭގެ އުޅަނދު ފަހަރަށް އައުމުގެ ފުރުސަތު ދީފައިވާހެން. އެހެންވެ ހޮރުމޫޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރު ކުރަމުން އަންނަކަމަށް ފެންނަނީ. މި ދެ އުޅަނދު ވެސް ވަރަށް ބާރަށް ރާއްޖެއާ ދިމާލަށް ދަނީ ދަތުރު ކުރަމުން،" މައުމޫން ވިދާޅުވި އެވެ. 

މައުމޫން އިތުރަށް ވިދާޅުވީ ރާއްޖޭން މިހާލަތުގައި ލޯހުޅުވައިގެން ތިބެން ޖެހޭ ކަމަށާ މިހާލަތާ ގުޅުންހުރި ގިނަ ފުރުސަތުތަކެއް މިވަގުތު ތިލަވެގެންދާނެ އެވެ. 

އޭނާ ވިދާޅުވީ ސައޫދީ އަރަމްކޯ އިން މި ސަރަހައްދަށް ތެޔޮ ވިއްކަން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަން މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނާ ވެސް އެބަ ކޮންޓެކްޓް ކުރޭ ކުންފުނިތަކުން. އެހެންވެ މިއީ ވެސް ތެޔޮ ލިބޭނެ އިތުރު ފުރުސަތެއް،" މައުމޫން ވިދާޅުވި އެވެ.

މެރިޓައިމް ޓްރެފިކް ޑާޓާ ދައްކާ ގޮތުން އެސްޓީއޯގެ ދެ ބޯޓެއް ތެލާއެކު މިވަގުތު ވެސް ދަނީ ރާއްޖެ އަށް ދަތުރު ކުރަމުންނެވެ. އެއީ އެސްޓީއޯގެ އަލިމަސް އާއި އެ ކުންފުނިން ފަހުން ގަތް ނިއޯން އޮއިލް ޓޭންކަރެވެ. ޑާޓާއިން ފެންނަ ގޮތުން މި ދެ އުޅަނދު ވެސް ތެލާއެކު ދަތުރު ކުރަނުން ދަނީ އޮމާންގެ ސޮހާރު ބަނދަރުންނެވެ. މި އުޅަނދުތައް ރާއްޖެ އަށް ދަތުރުކޮށްފައިވަނީ ހުރުމޫޒް ކަނޑުއޮޅި ހުރަސްކޮށް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މިގޮތުން އެއް އުޅަނދު މިމަހުގެ 19 ވަނަ ދުވަހު ރާއްޖެއަށް ބަނދަރު ކުރާނެ ކަމަށް ބެލެވޭއިރު އަނެއް އުޅަނދު އޭގެ ދެ ދުވަސް ފަހުން 21 ގައި ބަނދަރު ކުރާނެ އެވެ. 

ރާއްޖޭގެ ބޭރުގެ ގިނަ އުޅަނދުތަކުގައި މަަސައްކަތް ކުރައްވަމުން ގެންދަވާ މެރިޓައިމް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ކެޕްޓަން އާދިލް ރަޝީދު ވިދާޅުވީ މިހާރު ޝެޑިއުލްތައް ހުރި ގޮތުން ދަތިތަކެއް އައުމުގެ ފުރުސަތު ކުޑަ އެވެ. ނަމަވެސް ހާލަތު ބަދަލުވެ އިތުރަށް ގޯސްވެއްޖެނަމަ އިތުރު މައްސަލަތަކެއް ކުރިމަތިވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

"ހާލަތު ބަދަލުވާ ގޮތެއްގެ މައްޗަށް އޮންނާނީ. މިކަމަށް ޖެހެނީ ސަމާލު ވެގެން ތިބެން،" އާދިލް ވިދާޅުވި އެވެ. 

މެރިޓައިމް ދާއިރާގެ އެހެން ތަޖުރިބާކާރެއް ވިދާޅުވި ގޮތުގައި ރާއްޖެއަށް ތެޔޮ ލިބުން ތާށިވުމުގެ ފުރުސަތެއް އޮތީ މެދުއިރުމަތީގައި ހުރި ތެޔޮ ފެސިލިޓީތަކަށް ހަމަލާތައް ދެމުންދާނަމަ އެވެ.

"މިސާލަަކަށް ރާއްޖެއަށް ތެޔޮ ގެންނަ ފެސިލީޓީއަކަށް ހަމަލާއެއް އެރުން ފަދަކަމެއް ދިމާވެގެން ނޫނީ ދަތި ތަކެއް އަންނާނެ ކަމަކަށް ނުބެލެވޭ،" ތަޖުރިބާކާރެއް ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ. 

މީގެ އިތުރުން ތަޖުރިބާކާރުން ބުރަވަނީ މަސްރަހު އިތުރަށް ގޯސްވެގެންދާނީ އީރާނުން އެންމެ ގިނަ އަދަދަކަށް ތެޔޮ ބޭރުކުރާ އަދި ތެޔޮ ރައްކާކުރާ މައި މަރުކަޒަކީ ޚާރްގް އައިލެންޑަށް އެމެރިކާއިން ހަމަލާ ދީފިނަަމަ އެވެ. އެތަނުގައި ހުރި ތެލަށް ގެއްލުން ދީފިނަމަ އީރާނުން މެދުއިރުމަތީގައި ހުރި ހުރިހާ ތެޔޮ ވަސީލަތްތަކެއް ހަލާކުކޮށްލާނެއެވެ. މިކަން ވެގެންދާނީ މުޅި ދުނިޔެއަށްވެސް އޮތް ނުރައްކަލަށެވެ. 

މިހާލަތުގައި ދުނިޔެ އޮތްއިރު ރާއްޖޭގެ މައި ތެޔޮ ގުދަން ހުންނަ ކ. ފޮނަދޫގައި ގާއިމުކޮށްފައިވާ ޓޭންކުތަކުގައި ގާތްގަނޑަކަށް 80،000 އާއި 100،000 މެޓްރިކް ޓަނާ ދެމެދުގެ އަދަދަކަށް ތެޔޮ ޑީސަލާއި ޕެޓްރޯލް ރައްކާ ކުރެވޭ ޖާގައެވެ. މި ކެޕޭސިޓީއަކީ ދޮޅުމަހަށް ބޭނުންވާ ތެޔޮ ރައްކާކުރެވޭ މިންވަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.