ގާނޫނުއަސާސީއަށް ދެން ގެންނަން ބޭނުންވާ އިސްލާހުތައްވެސް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެކަމަށް އުޝާމް ވިދާޅުވި

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ އެކުލެވުން ބަދަލުކުރުމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ލިމިޓުކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކާމެދު މިހާރު ކުރެވެމުންދަނީ އެންމެ ފަހުގެ މަޝްވަރާތައް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރިޔާސީ އަދި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމާ ދެކޮޅަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ފާޅުކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެން، އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނުއަސާސީގައި މިހާރު ހުރި މައްސަލަތައް އިސްލާހުކުރަންޖެހޭކަން އެއީ އެންމެންވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށެވެ.
އެގޮތުން، އެކަންކަން ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގާނޫނުއަސާސީއަށް ތިން އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާއިރު، އޭގެތެރޭގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމާއި، ޖޭއެސްއެސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއި މަޖިލިސް މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުން ހިމެނޭކަމަށް އޭޖީ ވިދާޅުވި އެވެ.
އުޝާމް ވިދާޅުވި ގޮތުގައި، މި އިސްލާހުތަކުގެ ތެރެއިން މައި ދެ އިންތިހާބު އެކުގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުގެ މަސައްކަތް މިވަގުތު ކުރިއަށް މިގެންދަނީ ކީއްވެގެންތޯ ކުރެވޭ ސުވާލުގެ ޖަވާބު ވަރަށް ސާފެވެ.
"ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާތަކުގެ ތެރެއިން، މި އިސްލާހަކީ، އެއަށް އަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސީދާ ގާނޫނުއަސާސީއިން ލާޒިމްކުރާ އިސްލާހެއް. އަދި ގާނޫނުއަސާސީއަށް ދެން ގެންނަންޖެހޭ އިސްލާހުތަކަކީ އެއަށް އަމަލުކުރުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގާނޫނުއަސާސީ ލާޒިމްކުރާ އިސްލާހުތަކެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން އެކުއެކީގައި ބޭއްވުމަކީ، މުޅި ރާއްޖޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިނގާނެ ހަރަދުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމެއް ކަމަށެވެ.
"މުޅި ރާއްޖޭގައި މިފަދަ ވޯޓެއް ވަކިން ބާއްވާނަމަ އެންމެ ކުޑަމިނުން 80 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ. ކައުންސިލް އިންތިހާބާއެކު މިވޯޓު ބާއްވާނަމަ އެތައް ގުނައެއް ހަރަދު ކުޑަވެ، ދައުލަތުގެ ބަޖެޓަށް ލުއިވާނެ،" އޭނާ ވިދާޅުވި އެވެ.
އަދި ގާނޫނުއަސާސީއަށް ދެން ގެންނަން ބޭނުންވާ އިސްލާހުތައްވެސް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެކަމަށް އުޝާމް ވިދާޅުވި އެވެ.
"މިހާރު ހިނގަމުންދަނީ މިކަމުގެ އެންމެ ފަހުގެ މަޝްވަރާތައް،" އޭނާ ވިދާޅުވި އެވެ.