އެންމެ ރައްކާތެރީ ރާއްޖެ | އެތައް ސަތޭކަ ޖެޓެއް މަހުޖަނުންނާއެކު ރާއްޖެއަށް

ހަނގުރާމަ ފެށުނުތާ ހަފުތާއެއްގެ ތެރޭގައި ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓު ވަނީ ރާއްޖެ އައިސްފަ އެވެ. މި ޖެޓުތައް އައިސްފައިވަނީ މަހުޖަނުންނާއެކުގަ އެވެ. މި މީހުން ލޯންގް ސްޓޭގެ ގޮތުގައި ރާއްޖޭގައި ދަނީ މަޑުކުރަމުންނެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް -- އެމްއޭސީއެލް

ދުނިޔޭގެ މަހުޖަނުން އެއް ތަނެއްގައި އަބަދުވެސް އެންމެ ގިނައިން ތިބޭނީ މިހާތަނަށް މެދުއިރުމަތީގަ އެވެ. މި ސަރަހައްދަކީ އެމީހުންގެ އައްޑާ އެވެ. ތެލުގެ މުއްސަނދި މެދުއިރުމަތީގައި ހުރި ވިޔަފާރީގެ ކާރޫބާރުގައި ޖެހިގެން އެމީހުން އެ ސަރަހައްދުގައި ގެދޮރު އަޅައިގެން ތިބެނީ އެހެންވެ އެވެ. ނަމަވެސް މިދިޔަ މަހުގެ 28 ވަނަ ދުވަހު ކުއްލިގޮތަކަށް ގޯސްވި ހާލަތާއެކު މެދުއިރުމަތީގެ މަހުޖަނުން އެންމެ ގިނައިން ތިބި ގައުމުތަށް ވަނީ ނުރައްކާވެފަ އެވެ. އެމެރިކާ އާއި އިސްރާއިލުން އިސްވެ އީރާނަށް ހަމަލާދީ އެ ގައުމުން ދީނީ މުރުޝިދު އަވަހާރަކޮށްލުމާއެކު އީރާނުން ވަނީ ބަދަލު ހިފުން ފަށާފަ އެވެ. އީރާނުގެ ހަމަލާތައް އަމާޒުކުރީ މެދުއިރުމަތީގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށެވެ. މިއާއެކު ސުލްހަވެރިކޮށް ވިޔަފާރިކޮށްލައިގެން ހިހޫތަނުން ކާލައިގެން ތިބި ސަރަހައްދު ވަނީ ނުރައްކާތެރި "ވޯ ޒޯން" އަކަށްވެފަ އެވެ. މިކަމުގެ ސަބަބުން އެންމެ ކަންބޮޑުވާނެ އެއް ބަޔަކީ މަހުޖަނު، ވިޔަފާރިވެރިންމެވެ. މިއާއެކު އެ މީހުން ވަނީ ގެންގުޅުނު ތަކެތި ދޫކޮށްލާ ވަގުތުން ފުރަން ފަށާފަ އެވެ. 

މި މަހުޖަނުންގެ ބައެއް ވަނީ ރާއްޖެއަށް ވެސް ދަތުރުކޮށްފަ އެވެ. އެމީހުން ބެލީ ރާއްޖެއަކީ ދުނިޔޭގައި މިހާރު އޮތް އެންމެ ރައްކާތެރި "ސޭފް ހެވަން" ގެ ގޮތުގަ އެވެ. މިއާއެކު އަގު ބޮޑުކޮށް ޖެޓުތައް ނަގައިގެންނާއި އަމިއްލަ ޖެޓުތަކުގައި މެދުއިރުމަތީގެ ވައިގެ ސަރަހައްދުން އެ މީހުން ނުކުމެގެން އައިސް މިހާރު އެ ތިބީ ރާއްޖޭގަ އެވެ. މިއާއެކު ރާއްޖެއަށް ލިބޭ އާމްދަނީ އިތުރު އިގްތިސޯދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބެން ފަށާފަ އެވެ.

ދަ މިރާ އަށް އެނގިފައިވާ ގޮތުގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަނގުރާމައިގެ ފުރަތަމަ ހަފުތާގައި އެކަނި ވެސް ވަނީ 130 ފްލައިވެޓް ޖެޓަށް ވަނީ އެ ކުންފުނިން ހުއްދަ ދީފަ އެވެ. އެނގިފައިވާ ގޮތުގައި ޖެޓުތަކުގެ މޫވްމެންޓް މި ޓްރެންޑުގައި ދަނީ ދަމަހައްޓަމުންނެވެ. 

ޓޫރިޒަމް ސިނާއަތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި ހަފުތާއެއްގެ ތެރޭގައި 130 ޖެޓަށް ހުއްދަ ދިނުމަކީ ވަރަށް ބޮޑު އިތުރުވުމެކެވެ. 

"މިއީ ނިއުއިޔާއެއް ނޫން. އެ ދުވަސްވަރު އެންމެ ގިނައިން ޖެޓު އަންނަނީ. މިހާރު މި ފެންނަނީ ރާއްޖޭގެ ބްރޭންޑް އައިޑެންޓިޓީ އާއި އޮތް އިތުބާރު. މިއީ ވަރަށް ޕޮޒިޓިވް ނިޝާނެއް،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ. 

ރާއްޖެ އަށް ޕްރައިވެޓް ޖެޓު ގެންނަ އަވިއާ މޯލްޑިވްސްގެ ޑިރެކްޓަރު އަހުމަދު އަރުޝަދު ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަށް ދަތުރުކުރާ ޕްރައިވެޓް ޖެޓުގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. މިގޮތުން ހަނގުރާމައާއެކު 120 ޖެޓުން ރާއްޖެ އަށް 600 ފަސިންޖަރުން އައިސްފައިވާކަށް އޭނާ ފާހަގަ ކުރެއްވި އެވެ. 

މެދުއިރުމަތީގައި އެންމެ ގިނައިން މަހުޖަހުން ގެ ގަނެގެން ތިބި ދުބާއީން މި ހަނގުރާމައާ ގުޅިގެން ވަނީ ގިނަ ޖެޓު ތަކެއް ރާއްޖެ އަށް ދަތުރުކޮށްފަ އެވެ. 

ޖެޓް ފިއުލްގެ އަގު އުފުލި މި ހާލަތާ ގުޅިގެން ޖެޓުތަކުގެ އަގު ކިތަންމެ ބޮޑުވިޔަސް އެމީހުން ބެލީ ފުރާނަ އާއި ޖާނާމާލައިގެން އެންމެ ރައްކާތެރި ސަރަހައްދަކަށް ދިއުމަށެވެ. މި ބޮޑު ޑިމާންޑާއެކު ކުރިން 60,000 ޑޮލަރަށް ކުރެވުނު ފަސް ގަޑިއިރުގެ ޖެޓް ދަތުރަކަށް މިހާރު 145,000 ޑޮލަރު (ގާތްގަނޑަކަށް 2.2 މިލިއަން ރުފިޔާ) އަރަ އެވެ. 

ޕްރައިވެޓް ޖެޓް ކުންފުންޏެއް ކަމަށްވާ ސްކައި އޭވިއޭޝަން އިން ހާމަކުރި ގޮތުގައި، އާންމު ދުވަހެއްގައި މަސްކަޓް، ދުބާއީ އަދި ރިޔާޟުން ފުރަނީ 10 ނުވަތަ 15 ޕްރައިވެޓް ފްލައިޓް ކަމަށްވިޔަސް، މިދިޔަ ބުދަ ދުވަހު އެކަނި ވެސް 98 ފްލައިޓް ވަނީ ދަތުރުކޮށްފަ އެވެ. މީގެ ބައެއް ދަތުރުކުރީ ރާއްޖެ އަށެވެ. 

ރާއްޖޭގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކެޕްޓަން މުހައްމަދު އަމީން ވިދާޅުވީ ޖެޓު މޫވްމެންޓް މި ދުވަސްވަރު ރާއްޖެއަށް އިތުރުވެފައިވާކަން ވަނީ ފާހަގަ ކުރެއްވި އެވެ. އަދި މިއީ ސަރުކާރުން މަރުހަބާ ކިޔާކަމެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވި އެވެ. 

"ނިއުއިޔާ ނިމިގެން މިހާގިނަ ޖެޓުތަކެއް އަސްލުގަ އެކްސްޕީރިއަންސެއް ނުކުރޭ. ޕްރައިވެޓް ހައިއެންޑް ޓޫރިސްޓުން. މިދިޔަ ދެ ތިން ދުވަހުގެ ތެރޭގައި ޖެޓުތައް ވަނީ އިތުރުވެފަ،" އަމީން ވިދާޅުވި އެވެ. 

ނިއުއިޔާ ނިމިގެން މިހާގިނަ ޖެޓުތަކެއް އަސްލުގަ އެކްސްޕީރިއަންސެއް ނުކުރޭ. ޕްރައިވެޓް ހައިއެންޑް ޓޫރިސްޓުން. މިދިޔަ ދެ ތިން ދުވަހުގެ ތެރޭގައި ޖެޓުތައް ވަނީ އިތުރުވެފަ

ޓްރާންސްޕޯޓް މިނިސްޓަރު

މަޓާޓޯގެ ސީއީއޯ ބައްސާމް އާދަމް ވިދާޅުވީ މިހާރު ގިނަ އަދަދެއްގެ ޖެޓުތައް ރާއްޖެ އަންނަކަން ފާހަގަވެފައިވާ ކަމަށާ މިއީ ޕޮޒިޓިވް ނިޝާނެއް ކަމަށެވެ. 

"ޓޫރިސްޓުންނާއެކު ޖެޓުތައް އަންނަނީ. މީގެން އެނގެނީ ރާއްޖެއާމެދު އޮތް ޔަގީންކަމާއި ބްރޭންޑުގެ ވަރުގަދަކަން،" ބައްސާމް ވިދާޅުވި އެވެ. 

މެދުއިރުމަތީގެ ވޯ ޒޯނުން ނުކުމެ މަހުޖަނުން ޖެޓްތަކުގައި ރާއްޖެއަށް ޖަމާވަން ފަށާފައިވާއިރު މި ޓްރެންޑް ކޮވިޑް-19 އާ ގުޅިގެންވެސް ފާހަގަވި އެވެ. ކޮވިޑަށް ބަންދުވި ފުރަތަމަ ދުވަހު ވެސް މާލެ ކައިރީގައި ހުރި މަތީ ފަންތީގެ ރިސޯޓްތަކަށް ގިނަ އަދަދެއްގެ ޖެޓުތަކުގައި މަތީ ފަންތީގެ ޓޫރިސްޓުން އައެވެ. އެ ފަހަރު ވެސް އެ މީހުން ޔަގީންކުރީ އެންމެ ރައްކާތެރި ގައުމަކީ ރާއްޖެ އަށް ވާނެ ކަމަށެވެ. މިފަހަރު ވެސް އެމީހުން ޔަގީން ކުރަނީ ރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލަށްވާނެ ކަމަށެވެ. މިއަށް އިތުރު ބާރެއް ލިބިގެން ދިޔައީ ރާއްޖެ ވަށައިގެންވާ ގައުމުތައް އެނާޖީ ކްރައިސިސްއެއްގައި އޮތްނަމަވެސް ރާއްޖެ އަށް އެފަދަ މައްސަލައެއް މިވަގުތު ނެތްކަން ސަރުކާރުން ޔަގީންކޮށް ދިނުމެވެ. ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ތެޔޮ ހުއްޓުމެއް ނެތި ގެންނާނެ މަގުތައް ތަނަވަސް ކުރަން ހަނގުރާމައަށް ހަ ގަޑިއިރު ތެރޭ ދިވެހި ސަރުކާރުން ފެށި މަސައްކަތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.