އަދި، ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހަކީ ގާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅައިފަ އެވެ.

ސަރުކާރު މުވައްޒަފުންގެ ދަރިންނަށް ދެ އަހަރު ވަންދެން, މުސާރައިން ނުކެނޑޭ ގޮތަށް ހުސް ވަގުތު ދޭންޖެހޭ މުއްދަތު އިތުރުކުރަން ވަޒީފާއާބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
މިހާރު ގާނޫނުގައި އޮންނަނީ، ސަރުކާރު މުވައްޒަފުންގެ ދަރިންނަށް އެއް އަހަރުން ވަންދެން ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސް ވަގުތު ލިބޭނެ ކަމަށެވެ.
މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒު ހުށަހައްޅުވައި، މަޖިލީހުން މި މަހުގެ 8ވަނަ ދުވަހު ގާނޫނު އިސްލާހުކުރީ މެޓާނިޓީ ލީވްއަށް ފަހުގައި ދަރިންނަށް ދެ އަހަރު ވަންދެން ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސް ވަގުތު މުވައްޒަފުންނަށް ލިބޭ ގޮތަށެވެ.
އެ ގޮތަށް ބަދަލުކުރަނީ، ކުއްޖާގެ ކަންކަން ކޮށްދިނުމަށް ދޭ ވަގުތުކޮޅެއް ކަމަށާއި، އަދި މުވައްޒަފުންގެ މުސާރައިން ވެސް ނުކަނޑާނެކަމަށް ބިލުގައި ބުނެފައިވެ އެވެ.
ގާނޫނަށް ގެނައި އެހެން އިސްލާހުތަކުގެ ތެރޭގައި، ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިސްގެ މުއްދަތަށް ވެސް ބަދަލެއް ގެނައުން ހިމެނެ އެވެ.
ގާނޫނުގައި މިހާރު އޮތީ، ވަޒީފާއިން ވަކިކުރުގެ ކުރިން ދެ ހަފުތާގެ ނޯޓިހެއް ދޭންޖެހެނީ ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް އުޅުނު މުވައްޒަފުންނަށް ކަމަށެވެ. ނަމަވެސް އެއް އަހަރުނުވާ ކޮންމެ މުވައްޒަފަކަށް ވެސް މަދުވެގެން ދެ ހަފުތާގެ ނޯޓިހެއް ދޭން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ.
އަދި، ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހަކީ ގާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅައިފަ އެވެ.
ރައީސް މި ބިލު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާއެކު، މިހާރު ވަނީ މި ގާނޫނަށް އަމަލުކުރަން ފަށާފަ އެވެ.