އެގޮތުން މިހާރު އެ މުއްދަތު އިތުރުކޮށްފައި ވަނީ މާދަމާގެ ދަންވަރު 12:00 ގެ ނިޔަލަށެވެ.

އަންނަ މަހު ބާއްވާ އިންތިހާބުތަކުގައި އޮބްޒާވަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިތުރު ފުރުސަތު ދީފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް އެހުން އޮންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
މި ތިން އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުސަތު އެންމެ ފުރަތަމަ ހުޅުވައިލީ މިދިޔަ މަހުގެ ނުވަނަ ދުވަހު އެވެ. އެފަހުން މިއަދަށް އެ މުއްދަތު އިތުރުކޮށްފައިވެ އެވެ.
އީސީން ބުނީ އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް ސިޔާސީ ޕާޓީތަކުން ކޮމިޝަނަށް ހުށަހަޅާފައިވާތީ، ވީހާވެސް ގިނަ ފަރާތްތަކަށް އިބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު ދިނުމަށް އެ މުއްދަތު އަލުން އިތުރު ކުރާ ކަމަށެވެ.
އެގޮތުން މިހާރު އެ މުއްދަތު އިތުރުކޮށްފައި ވަނީ މާދަމާގެ ދަންވަރު 12:00 ގެ ނިޔަލަށެވެ.
އޮބްޒާވަރުންނަށް ވެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ ފަރާތްތަކަށެވެ. އޭގެތެރޭގައި ޖިނާއީ ހުކުމެއް ތަންފީޒު ކުރާ މީހަކަށް ނުވުމާއި، އީސީން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގުރާރުވެފައިވާ މީހަކު ކަމުގައިވާން ޖެހެ އެވެ. އަދި ފާއިތުވި ފަސް އަހަރުތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މަހަށް ނުވުމާއި އިންތިހާބީ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން ވެސް ހިމެނެ އެވެ.
އޮބްޒާވަރުގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ އީސީގެ 'މައި ޕޯޓަލް' މެދުވެރިކޮށެވެ. ސިޔާސީ ޕާޓީތަކުން އޮބްޒާވަރުން ހުށަހަޅާނީ ޕާޓީތަކަށް ހާއްސަކޮށްފައިވާ "ސިމެދަ ޕޯޓަލް" މެދުވެރިކޮށެވެ.
ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކަށާއި ޖަމިއްޔާ ޖަމާއަތްތަކަށް ފާސް ދޫކުރާނީ، އިންތިހާބުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދަށްވުރެ 10 ޕަސެންޓަށްވުރެ އިތުރު ނުވާ ގޮތަށެވެ.