ހަނގުރާމައިގެ އަސަރު | މިދިޔަ 12 ދުވަހު ޓޫރިޒަމް 23.6 % ދަށް

މިދިޔަ 13 ދުވަހުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވަނީ ޖުމްލަ 58,906 ޓޫރިސްޓުންނެވެ، މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވާ 71,279 އާ އަޅާބަލާއިރު ގާތްގަނޑަަކަށް % 23.6 ގެ ދަށްވުމެކެވެ.

ރާއްޖެއަށް ގައުމީ އެއާލައިން އިން އައި ޓޫރިސްޓުންނަށް ފިނިފެންމާ ބަހަނީ -- މޯލްޑިވިއަން ފޮޓޯ

މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައިގެ ސަބަބުން މާރިޗު މަހު އައި ޓޫރިސްޓުންގެ އަދަދު 23.6 ޕަސެންޓް ދަށަށް ވެއްޓިއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީން ކޮންމެ ދުވަހަކު ނެރޭ ޓޫރިޒަމް ޑެއިލީ އަޕްޑޭޓުގައިވާ ގޮތުން މިމަހުގެ މިދިޔަ 13 ދުވަހުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވަނީ ޖުމްލަ 58,906 ޓޫރިސްޓުންނެވެ، މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވާ 71,279 އާ އަޅާބަލާއިރު 12,373 ޓޫރިސްޓުން ނުވަތަ ގާތްގަނޑަަކަށް 23.6 ޕަސެންޓްގެ ދަށްވުމެކެވެ. 

މި ދަށްވުން އައިސްފައިވަނީ އެމެރިކާ އާއި އިސްރާއިލުން އީރާނަށް އިސްވެ ހަމަލާ ދިނުމާއެކު އީރާނުން އަމިއްލަ ނަފުސުގެ ދިފާއުގައި އެމެރިކާގެ މަސްލަހަތުތަކަށް ހަމަލާ ދޭން ފެށުމުންނެވެ. މެދުއިރުމަތީގައި ހުންނަ އެމެރިކާ ބޭސްތަކަށް ހަމަލާ ދޭން ފެށުމާއެކު އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ. މިގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 30 ޕަސެންޓް ހިއްސާ ކުރާ ދުބާއީ އަދި ގަތަރުގެ މައި އެއާޕޯޓްތައް ވަނީ ބަންދުކޮށްފަ އެވެ. 

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައިވާ ގޮތުގައި މި ހަނގުރާމައިގެ ކުރީގައި ދުވާލަކު 60 ފްލައިޓް އަންނައިރު މެދުއިރުމަތިން 20 އާއި 30 ފްލައިޓް އާދެ އެވެ. އެހެންވެ ދުވާލަކު 19 ފްލައިޓް ކެންސަލް ވެގެން ދިޔަ އެވެ. މިއީ ބުކް ލޯޑުން 3000 ޓޫރިސްޓުން މަދު ވެގެން ދިއުމެކެވެ. 

އަންދާޒާ ދަށްކާ ގޮތުގައި މިހާރު ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ 4،000 މީހުން މަދުވެފަ އެވެ. މި ގެއްލުމާއެކު ޓޫރިޒަމަށް ލިބޭ އާމްދަނީ އިން މަހެއްގެ މައްޗަށް އެންމެ މަދުވެގެން 200 މިލިއަން ޑޮލަރު އުނިވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އަދި އެންމެ ގޯސް ސިނާރިއޯގައި މި އަދަދު މުޅި ޓޫރިޒަމުންވާ ގެއްލުން 500 މިލިއަން ޑޮލަރަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ޓެކްސް ނިޒާމުން ޓޫރިޒަމަށް އަންނާނެ ދަަށްވުން

  •  ޓީޖީއެސްޓީ - މަހަކު 87 - 49 މިލިއަން ޑޮލަރު އުނިވާނެ
  •  ގްރީން ޓެކުހުން - މަހަކު ގާތްގަނޑަކަށް 8.35 މިލިއަން ޑޮލަރު އުނިވާނެ
  •  އެއާޕޯޓް ފީއިން - މަހަކު ހަ މިލިއަން ޑޮލަރު

މިމަހު މި އަދަދަށް ޓޫރިސްޓުން އައުން ދަށްވިނަމަވެސް މުޅި އަހަރު ދުވަހަށް ބަލާއިރު އަދިވެސް ފެންނަނީ ކުރިއެރުމުގަ އެވެ. އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހަކީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއް ލިބުނު މަހެކެވެ. އެ މަހު ރާއްޖެއަށް ޖުމްލަ 254,365 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 15.7 ޕަސެންޓުގެ ކުރިއެރުމެކެވެ. މިއަހަރުގެ މިހާތަނަށް (މާރިޗު 12 ގެ ނިޔަލަށް) ޖުމްލަ 540,674 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 509,953 ފަތުރުވެރިންނާ އަޅާބަލާއިރު 6.0 ޕަސެންޓުގެ އިތުރުވުމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.