ސިވިލް އޭވިއޭޝަން މިނިސްޓަރު ކެޕްޓަން އިބްރާހިމް އަމީން ވިދާޅުވީ ރިލީފް ޕެކޭޖުތަކާއެކު ފެށި މަސައްކަތުން ފްލައިޓްތައް ދަނީ އިތުރު ވަމުންނެވެ.

ހަނގުރާމައާ ގުޅިގެން ޓޫރިޒަމް ރަނގަޅު ކުރަން އެއާލައިންތަކަށް ދިން "ރިލީފް ޕެކޭޖު" ތަކާއެކު ގިނަ އެއާލައިންތަކުން ފްލައިޓް އިތުރު ކުރަން ފަށައިފި އެވެ.
ސިވިލް އޭވިއޭޝަން މިނިސްޓަރު ކެޕްޓަން އިބްރާހިމް އަމީން ވިދާޅުވީ ރިލީފް ޕެކޭޖުތަކާއެކު ފެށި މަސައްކަތުން ފްލައިޓްތައް ދަނީ އިތުރު ވަމުންނެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މީގެ އިތުރުން އެއާލައިން ފިފްތް ފްރީޑަމް ރައިޓްސްގެ ދަށުން ޓޫރިސްޓުން ގެންނަން ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.
"މިއީ އެހެން ގައުމަކުން އައިސް ކޮސްމޮ ޕޮލިޓަން ސިޓީއަކުން ނަގައިގެން އެހެން ގައުމަކުން ގެނައުން. މިގޮތަށް ހުޅުވާލުމުން ޔޫރަޕުގެ އެއާލައިންއަކާއެކު މަސައްކަތް ކުރެވޭ،" އަމީން ވިދާޅުވި އެވެ.
ފިފްތް ފްރީޑަމް ރައިޓްސްއަކީ ކޮބާ ؟- ވައިގެ ދަތުރުފަތުރުގެ ދާއިރާގައި "ފިފްތް ފްރީޑަމް ރައިޓްސް" އަކީ އެއާލައިންތަކަށް ލިބޭ ވަރަށް މުހިންމު ހުއްދައެކެވެ. މީގެ ސަބަބުން އެއާލައިންތަކަށް އެމީހުންގެ އަމިއްލަ ގައުމު ނޫން ދެ ގައުމެއްގެ ދެމެދުގައި ފަސިންޖަރުން އުފުލުމުގެ ފުރުސަތު ލިބެ އެވެ. މިސާލަކަށް އެއާލައިން "A" އަކީ އެމިރޭޓްސް (ދުބާއީ) ކަމަށް ބަލަމާ ހިނގާށެވެ.
ފުރަތަމަ މަންޒިލް ދުބާއީ އިން ފުރައިގެން މާލެ (ރާއްޖެ) އަށް ދިއުންފަހު މާލޭގައި މަޑުކުރުމަށްފަހު، މާލެއިން އާ ފަސިންޖަރުން ގޮވައިގެން ކޮލަމްބޯ (ސްރީލަންކާ) އަށް ދާން ފުރުސަތު ލިބޭނެ އެވެ. މި ހާލަތުގައި، އެމިރޭޓްސް އަށް މާލެއާއި ކޮލަމްބޯއާ ދެމެދު ޓިކެޓް ވިއްކައިގެން ދަތުރުކުރުމުގެ ހުއްދަ ލިބުމަކީ "ފިފްތް ފްރީޑަމް" އެވެ.
އޭނާ ވިދާޅުވީ ހަނގުރާމައިގެ ކުރީގައި ދުވާލަކު 60 ފްލައިޓް އަންނައިރު މެދުއިރުމަތިން 20 އާއި 30 ފްލައިޓް އާދެ އެވެ. އެހެންވެ ދުވާލަކު 19 ފްލައިޓް ކެންސަލް ވެގެން ދިޔަ އެވެ. މިއީ ބުކް ލޯޑުން 3000 ޓޫރިސްޓުން މަދު ވެގެން ދިއުމެވެ.
"މެދުއިރުމަތިން ކާގޯ ވެސް އާދެ. އެހެންވެ އެ ހިސާބުން ފެށިގެން ޓޫރިސްޓުން ގެންނަން ސަރުކާރުގެ މިނިސްޓްރީއާެކު މިހާތަނަށް ޔޫރަޕުގެ އަށް ގައުމަކަށް 23 ފްލައިޓް އޮޕަރޭޓް ކުރެވުނު. އެހެންވެ ޓޫރިސްޓުންނަށް އެހެން ގައުމުތަކުގައި ދިމާވިފަދަ ދަތިކަމެއް ކުރިމައްޗެއް ނުވޭ،" އަމީން ވިދާޅުވި އެވެ.