ރައީސް ވިދާޅުވި ގޮތަށް މާދަމާ ސުކޫކް ދައްކަން ޖެހުނަސް ފައިސާ ދެއްކޭނެ ކަމަށް ޒަމީރު ވިދާޅުވި

ރާއްޖެއިން މި އަހަރު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ބޮޑު ދަރަނި ދެއްކުމުގައި ދަތިކަމެއް އަދި ނެތް ކަމަށް ސަރުކާރުން ބުނެފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކު އަންނަ އޭޕްރީލް މަހު ތެރޭގައި އަނބުރާ ދައްކަން ޖެހެ އެވެ.
އެކަމާ ގުޅޭ ގޮތުން ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެ ފައިސާ ދެއްކޭ ވަރަށް ވަނީ ފައިސާ ހަމަވެފަ އެވެ. އަދި އަންނަ މަހު 8 ގައި ސަރުކާރުން އެ ފައިސާ ދައްކާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ހަނގުރާމަ އާ ގުޅިގެން ރިޒާވް އާއި އާމްދަނީ އަށް އަސަރު ކުރި ނަމަވެސް ބޮޑު ދަރަނި ދެއްކުމުގެ ކަންކަމަށް އަދިވެސް ބަދަލެއް ނާންނަ ކަމަށެވެ.
"ކުރިން ރިޔާސީ ބަޔާނުގައި ވެސް ރައީސް ވިދާޅުވި ގޮތަށް މާދަމާ ސުކޫކް ދައްކަން ޖެހުނަސް ރިޒާވްގައި ފައިސާ ހުރެފަ ސުކޫކް ދެއްކޭ ގޮތަށް މިވަގުތު މި އޮތީ." ޒަމީރު ވިދާޅުވި އެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުން ވަނީ ސުކޫކް ދައްކާ ހަލާސް ކޮށްގެން ބާކީ ވާ ވަރަށް 650 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެއްކޮށްފަ އެވެ. އެގޮތުން ސޮވަރިން ޑިވަލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި 320 މިލިއަން ޑޮލަރު އަދި ޔޫސަބަލް ރިސާވްގައި 330 މިލިއަން ޑޮލަރު އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.