ތެލުގެ ގެއްލުން ފޫބައްދަން އޯޕެކުން ރާއްޖެއަށް 100 މިލިއަން ޑޮލަރު

ރިޒާވް ރަނގަޅު ލެވަލެއްގައި ހިފަހައްޓަން ބޭރުގެ ދެ އެޖަންސީއެއް މެދުވެރިކޮށް ރިޒާވަށް 100 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޒަމީރު ވިދާޅުވި

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ--ފޮޓޯ: ރައީސް އޮފީސް

މެދުއިރުމަތީގައި ހިނގާ ހަނގުރާމަ އާ ގުޅިގެން ރާއްޖެ އަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް އޯޕެކް ފަންޑުން 100 މިލިއަން ޑޮލަރު (1.54 ބިލިއަން ރުފިޔާ) ގެ ލޯނެއް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އިޒްރޭލާއި އެމެރިކާ އިން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވުމާއި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެގޮތުން ހަނގުރާމަ މަހެއްހާ ދުވަހަށް ދެމިގެން ގޮސްފި ނަމަ 85 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެކަންކަން ފޫބައްދައި ރާއްޖޭގެ ރިޒާވް ރަނގަޅު ލެވަލެއްގައި ހިފަހައްޓަން ފިޔަވަޅު އަޅަމުން އަންނަ ކަމަށާއި އެގޮތުން ބޭރުގެ ދެ އެޖަންސީއެއް މެދުވެރިކޮށް ރިޒާވަށް 100 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޒަމީރު ވިދާޅުވި އެވެ. 

"އެ މަސައްކަތް ކޮށްގެން އިއްޔެ އާ ހިސާބަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައި އެބައޮތް." މިނިސްޓަރު ވިދާޅުވި އެވެ. "އެއީ 100 ޑޮލަރަަށް ލިބޭ ތެޔޮ 150 އަށް ބޮޑުވީމަ އެ ބައި ފައިނޭންސް ކުރުމަށް ހަމަޖައްސާ ފެސިލިޓީއެއް." 

އެނގިފައިވާ ގޮތުގައި އެ 100 މިލިއަން ޑޮލަރު ސަރުކާރުން ހޯދާފައި ވަނީ އޯޕެކް ފަންޑުންނެވެ.

ޒަމީރު ވިދާޅުވީ އެ ފައިސާ ހޯދަން ސަރުކާޜުން ނަގަން ޖެހޭ ފަހުގެ ހުއްދަތައް ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ހަނގުރާމަ ފެށިއިރު ރާއްޖެ އިން ތެޔޮ ގަތް އަގުގެ ދެ ގުނަ މިހާރު ވަނީ ބޮޑުވެފަ އެވެ. އަދި ތެލުގެ އަގަށް އެއަށް ވުރެ އަވަސް އަވަހަށް ބަދަލުތަކެއް އަންނަ ކަމަށާއި ނަމަވެސް އެ ގެއްލުން ހިފަހައްޓަން ކަންކަން ރާވާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

އެގޮތުން އަޅާނެ އެއް ފިޔަވަޅަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި އެސްޓީއޯ އަށް ލިބޭ ފައިދާ އިން އެ ގެއްލުން ހިފެހެއްޓުމެވެ. އެކަމާ ގުޅޭ ދިރާސާތައް ހަދައި ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.